ރަށްރަށު ޕޮލިސް ސްޓޭޝަންތަކުން ކުށްވެރިންނަށް ފަސޭހައިން ފިލެނީ، ކުށްވެރިން ބަހައްޓައި ގޮތަށް އެ ސްޓޭޝަންތައް ތައްޔާރުކުރެވިފައި ނެތުމުން ކަމަށާއި އެ ކަމުގެ ދައްޗާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ބުނެފިއެވެ.

ރަށު ޕޮލިސް ސްޓޭޝަންތަކުން ކުށްވެރިން ފިލައި، އެ ފަދަ ބައެއް މައްސަލަތައް ފެންމަތިވަމުން އަންނަ އައުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އަދިވެސް ދަތިތަކެއް ހުރި ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ކުށްވެރިން ބައިތިއްބާނެ އެކަށީގެންވާ ޖާގަތައް ރަށު ޕޮލިސް ސްޓޭޝަންތަކުގައި ނެތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަށުގައި ޕޮލިސް ސްޓޭޝަން ހިންގަން ހުންނަ އިމާރާތަކީ އަސްލު ހަގީގަތުގައި ސީދާ އެ ބޭނުމަށް ޚާއްސަވެގެން ފަރުމާކުރެވިފައި ހުންނަ ކަހަލަ ތަންތަނެއް ނޫން. އެހެންވެ, އެ ގޮތަށް އެބަހުރޭ އަޅުގަނޑުމެންނަށް ކޮންމެ ވެސް ވަރަކަށް ދަތި،" ޔޫނުސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ބައިވަރު ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެެވެ.

އެ ސްޓޭޝަންތައް އިމާރާތްކުރާއިރު ދަތިތަކަށް ރިއާޔަތްކޮށް ބަދަލު ގެނައުމުގެ މަޝްވަރާ ހިނގާކަމަށް ޔޫނުސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް އަތޮޅު ތެރޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމް ކުރުމުގެ. އޭގެ އަމަލީ މަސައްކަތް ފެށުމާ ވަރަށް ގާތުގައި މިވަނީ،" ޔޫނުސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައެއް ރަށްރަށުގައި ފުލުހުންގެ އަދަދުތައް މަދުވުމަކީ ވެސް ދައްޗެއް ކަމަށެވެ. ނަމަަވެސް އެ ވަގުތަކު ޑިއުޓީގައި ތިބޭ ފުލުހުން އެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރާނެކަމުގެ ޔަގީންކަން އޮންނަ ކަމަށް ޔޫނުސް ވިދާޅުވިއެވެ.

"ނިސްބަތުން މަދު ފަހަރެއްގައި މި ކަހަލަ ކަމެއް މި ދިމާވަނީ. ދިމާވާ ހާލަތެއްގައި އެ މީހަކު އަޅުގަނޑުމެން ހޯދާނަން،" ޔޫނުސް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ވަނީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިފައެވެ. އިއްޔެ އޭނާ ހޯދައި، ވަނީ ހައްޔަރުކޮށްފައެވެ. ހަމައެއާ އެކު، މި މަހުގެ ހަވަނަ ދުވަހު އއ. ރަސްދޫ ފުލުސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓައި ވެސް މީހަކު ވަނީ ފިލައިފައެވެ. ނަމަވެސް އޭނާ ވެސް ފަހުން ހޯދައި ހައްޔަރުކުރިއެވެ.