ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލަކީ އޭނާގެ ހުރިހާ އެކުވެރިން ވެސް އެންމެ ލޯބިފުޅުވާ އެންމެ ގަދަރު ކުރައްވާ ބޭފުޅާ ކަމަށް ފަތުހުﷲ ޖަމީލާ އެކުގައި 12 އަހަރުވަންދެން މިސްރުގައި ވިޔަވަން އުޅުއްވި އަދި މިހާރުގެ ދިވެހި ރާއްޖޭގެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން ވިދާޅުވެއްޖެ އެވެ.

ފަތުހުﷲ ޖަމީލުގެ ހަނދާނުގައި ސަރުކާރުން ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި، ވާހަކަ ދައްކަވަމުން ޒާހިރު ހުސެއިން ވިދާޅުވީ ފަތުހުﷲ އަކީ ލާމަސީލު މިސާލެއް ކަމަށާއި އޭނާ އަކީ މަޖާ މިޒާޖެއްގެ ވެރިއެއް ކަމަށާއި ހުރިހާ ރައްޓެހިނަށް ވެސް އޭނާ ވަރަށް ކަމޭހިއްތަވާ ކަމަށާއި އަދި މިޒާޖުފުޅުގައި ވަރަށް ބޮޑަށް މީހުންނާ ގުޅިވަޑައިގެން އުޅުއްވި މީހުންނަށް އުފާވެރިކަން ގެނެސްދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެހެންކަމުން ހުރިހާ ރަހުމަތްތެރިން ވެސް އޭނާގެ އެ ސިފަތަކުގެ ސަބަބުން އޭނާދެކެ ވަރަށް ލޯބިފުޅުވި ކަމަށް ޑރ. ޒާހިރު ވިދާޅުވި އެވެ.

"ރުޅިއައިސް ހުންނަ މީހުން ހެއްވާލުމަކީ ފަތުހުﷲ އަށް ވަރަށް ފަސޭހަކަމެއް އޭނާ އަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭފުޅެއް،" ޑރ. ޒާހިރު ވިދާޅުވި އެވެ.

ޑރ. ޒާހިރު ހުސެއިން އިތުރަށް ވިދާޅުވީ ކިޔަވަން އުޅުއްވި އިރު ވެސް އިމްތިހާނުތަކަށް ފަތުހުﷲ އެހާ ޖެހިލުންވެވަޑައި ނުގަގަންނަވާ ކަމަށާއި ފޮތް ކިޔައި ހިތުދަސް ކުރެއްވުމަކީ ފަތުހުﷲ ކުރެއްވި ކަމެއް ނޫން ކަމަށެވެ.

"އިމްތިހާނަށް މާބޮޑަށް ތައްޔާރުވާތަނެއް ނުފެންނާނެ ނަމަވެސް ފަތުހުﷲ ރަނގަޅު ނަތީޖާއެއް ހޯދާނެ،" ޑރ. ޒާހިރު ވިދާޅުވި އެވެ.

އެކުގައި ކިޔަވަން އުޅުއްވި ދުވަސްތަކުގެ ވާހަކަ ދައްކަވަމުން ޑރ. ޒާހިރު ވިދާޅުވީ އެކުގައި 12 އަހަރު ވަންދެން އެއް ކުލާހެއްގައި ކިޔަވަން އުޅުއްވި ކަމަށާއި ކިޔަވާނެ ދާއިރާއެއް ވެސް ނިންމަނީ ދެ ބޭފުޅުން މަޝްވަރާ ކުރައްވައިގެން، ގައުމަށް އެންމެ ފައިދާ ކުރާނެ ދާއިރާއެއް ވިސްނަވައިގެން ކަމަށެވެ. ފަތުހުﷲއަކީ ވަރަށް ހިތް އަލި، ވިސްނުން ތޫނު އަދި ކިޔަވައި ވިދާޅުވުމަށް މޮޅު ބޭފުޅެއް ކަމަށާއި ވަރަށް އަވަހަށް އެއްޗެހި ދަސްކުރައްވާ ބޭފުޅެއް ކަމަށް ފާހަގަ ކުރެއްވި އެވެ.