ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާތީ، ކ. މާލެ / ހ. ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޒާ (45އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ޢައްބާސް ޢާދިލް ރިޒާ ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ފަނާ ކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މިއަދު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޢައްބާސް ޢާދިލް ރިޒާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އައްބާސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖެހުމަށް ގޮވާލާފައި ވާތީއާއި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައިވާތީ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން އައްބާސްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ.

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހައި އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ކްލަބް ހައުސް" ގައި އައްބާސް ވާހަކަ ދައްކާފައިވެއެވެ.

އައްބާސްއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި ބޭފުޅެކެވެ. އަދި، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޓްރޭޑް ރެޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައެވެ.