23 May 2023, 08:58
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހޯދަމުންދާތާ ހަފުތާއެއް ފަހުން އަމިއްލައަށް ފުލުހާ ހަވާލުވެއްޖެއެވެ.
ގައްބަރޭ ހޯދަން ފުލުހުން އިއުލާނުކުރީ މި މަހުގެ 15ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ، ގައްބަރޭ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވީ، އޭނާ ހޯދަމުންދާތާ ހަފުތާއެއް ފަހުންނެވެ.
ފުލުހުން، ގައްބަރޭ ހޯދުމުގެ މަސައްކަތް ކުރަމުންދިޔައިރު ވެސް އޭނާ ހުރީ މާލޭގައެވެ.
ގައްބަރޭ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ. އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.
ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010ވަނަ އަހަރު ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ޖުވެނައިލް ކޯޓުން ކުރި ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި 2012ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.
ފުލުހުން ބުނީ، ގައްބަރޭ ހޯދަމުން ދިޔައީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ މެންބަރު ޒަރީރަށް ހަމަލާދީ އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.
ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ޒަރީރަށް, ފަސް މީހުންގެ ގްރޫޕަކުން ހަމަލާ ދީފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. މަރުތޭލައަކުން ޖަހައި ބޯ ފަޅާލުމުގެ އިތުރުން އެހެން ބައެއް އަނިޔާތަށް ވެސް އޭނާއަށް ވަނީ ލިބިފައެވެ.