27 Apr 2012, 14:33
އދ. މަޖިލިސް (އޭޕްރީލް 27): އދ. ގެ ސުލްޙައިގެ ޕްލޭން ތަންފީޒުކުރުމަށް ޓަކައި ސޫރިޔާގެ ރައްތަކާއި އަވަށްތަކުން ހަތިޔާރާއި ސިފައިން ބޭލުމަށް ސޫރިޔާ އިން ވެފައިވާ ވަޢްދުތަކަށް ރައީސް ބައްޝާރުލްއަސަދްގެ ނިޒާމުން އިޙްތިރާމް ނުކުރާ ކަމަށް އދ. ން ބުނެފި އެވެ.
ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވީ ސޫރިޔާގައި ހަނގުރާމަ ހިނގަމުންދާ ސަރަޙައްދުތަކުގައި ސަރުކާރުގެ ސިފައިން ބަރުހަތިޔާރާ އެކު އަދިވެސް ޙަރަކާތްތެރިވަމުންދާ ކަމަށާއި ސިފައިންގެ ޙަމަލާތަކުގައި ކުށެއްނެތް ޢާންމުން ގިނަ ޢަދަދަކަށް މަރުވަމުންދާ ކަމުގައެވެ.
"މިއީ ސޫރިޔާ ސަރުކާރުން ވެފައިވާ ވަޢްދުތަކާ މުޅިން ޚިލާފު ޢަމަލުތަކެއް" ބާންކީ މޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.
އަނެއްކޮޅުން ރަޝިޔާ އިން ވަނީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތަކާ ޚިލާފްވުމަށްޓަކައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން "ޓެރަރިސްޓް އުސޫލްތައް" ބޭނުންކުރަމުން ގެންދާކަމަށް ތުހުމަތުކޮށްފަ އެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަކީ އެމެރިކާ އާއި ހުޅަނގުން މަދަދުދޭ ބައެއްކަމަށާއި ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންތަކާ ބޮޑަށް ޚިލާފްވަނީ ހަނގުރާމަވެރިން ކަމަށާ އެއީ "ޓެރަރިސްޓުން" ކަމަށް ރަޝިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން އެލެގްޒެންޑާ ލުކަޝިފިޗްސް ތުހުމަތު ކުރެއްވި އެވެ.
ފަރަންސޭސިވިލާތުން ވަނީ އދ. ގެ ސުލްޙައިގެ ޕްލޭން ތަންފީޒުކުރުމަށްޓަކައި ސޫރިޔާގެ ރައްތަކާއި އަވަށްތަކުން ހަތިޔާރާއި ސިފައިން ބޭލުމަށް ބައްޝާރުގެ ސަރުކާރުން ދެކޮޅުހަދާ ނަމަ އދ. ގެ ޗާޓަރުގެ 7 ވަނަ މާއްދާގެ ދަށުން ސޫރިޔާ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ޤަރާރެއް ވަރަށް އަވަހަށް ސަލާމަތީ މޖިލީހަށް ހުށަހަޅާނެކަމުގެ އިންޒާރު ދީފަ އެވެ.
ނަމަވެސް ޗައިނާ އާއި ރަޝިޔާ އިން ސޫރިޔާ ސަރުކާރުގެ ދިފާޢުގައި މިހާތަނަށް ދެފަހަރެއްގެމަތިން ވީޓޯގެ ބޭނުންކޮށްފައިވާތީ އާއި މިފަދަ ޤަރާރަކާދެކޮޅުކަން ރަޝިޔާ ހާމަކޮށްފައި ވާތީ ފަރަންސޭސިވިލާތުގެ މިއިންޒާރަކީ ބުރަދަނެއްހުރި އެއްޗެއްނޫން ކަމަށް މުރާސިލުން ބުނެއެވެ.
ސޫރިޔާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިއްޔެ ވެސް 30 އަށް ވުރެ ގިނަ މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެ އެވެ. ސަރުކާރު ސިފައިންގެ ޙަމަލާތަކުގައި ޢާންމުން މަރުވަމުން ދަނީ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ފިލައިތިބެގެން އިދިކޮޅު ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން ކަމަށާއި ޢާންމުންގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ ހަނގުރާމަވެރިން ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ހަނގުރާމަވެރިން ވަނީ މިކަން ދޮގުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)