23 May 2023, 09:18
ބަތަލާ އަމްރިތާ ރާއޯއާއި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމު "ވިވާހް" ރިލީޒްވުމާއެކު އިންޑިއާއިން ބޭރުން ގިނަ ބަޔަކު ބަތަލާއަށް ކައިވެނީގެ ހުށަހެޅުން ފޮނުވިކަމަށް އަމްރިތާ ބުނެފިއެވެ.
ފިލްމު ރިލީޒްވި ދުވަސްވަރަކީ ސްމާޓް ފޯން އެހާ މަޝްހޫރު ދުވަސްވަރެއް ނޫންކަމުން ކައިވެނީގެ ހުށަހެޅުންތަކާއެކު ގިނަ އަދަދެއްގެ ސިޓީތައް އަމްރިތާއަށް ލިބުނުކަމަށް އޭނާ ބުންޏެވެ.
ކެނެޑާ އާއި އެމެރިކާއަށް ނިސްބަތްވާ ގިނަ ބައެއްގެ ހުށަހެޅުންތަކާއެކު އެފަރާތްތަކުގެ ފޮޓޯއާއި ދިރިއުޅޭ ގެތަކުގެ ފޮޓޯވެސް އަމްރިތާއަށް ފޮނުވާފައިވާކަމަށް އޭނާ ބުންޏެވެ.
ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާގެ ކާމިޔާބު ފިލްމުގެ ތަޖުރިބާތައް މީޑިއާއާ ހިއްސާކުރަމުން އަމްރިތާ ބުނީ އޭރުގަ ހަނދާންތައް އާވުމުން ހިތަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިދޭކަމަށެވެ.
މިފިލްމަކީ، އަމްރިތާގެ ފިލްމީ ކެރިއަރުގެ އެންމެ ހާއްސަ އެއް ފިލްމުކަމަށާއި ފިލްމުގައި ކުޅެވުނު ރޯލްގެ ފުރިހަމަކަމާއެކު ފިލްމުގެ ވާހަކައިގެ ޖާދޫގައި ގިނަ ބަޔަކު ޖެހުނުކަން މިފަދަ އަމަލުތަކުން ދޭހަވާކަމަށް އަމްރިތާ ބުންޏެވެ. އަމްރިތާގެ މިހާރުގެ ފިރިމީހާ، ރޭޑިއޯ ޖޮކީ އަންމޮލް ސޫދުވެސް މިފިލްމު ބެލުމަށްފަހު ބޭނުންވީ ފިލްމުގައި ފެންނަ ކަހަލަ މަޑުމައިތިރި ހިތްހެޔޮ އަންބެއްކަމަށާއި މައިދައިތަވެސް ބޭނުންވީ އެ ސިފަތައް ހުރި ދަނބިދަރިއެއްކަމަށް އަމްރިތާ ބުނެފައިވެއެވެ.
ޝާހިދު ކަޕޫރާއެކު އަމްރިތާ ލިޑް ރޯލްއިން ފެނުނު މިފިލްމަކީ ވިޔަފާރީގެގޮތުންވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އަމްރިތާއާއި ޝާހިދު ކަޕޫރުގެ ކެމިސްޓްރީ ބެލުންތެރިންނަށް ކަމުދިޔައީ ޝާހިދުގެ އަލަތު ފިލްމު "އިޝްގްވިޝްކް"އަށްފަހުއެވެ. އޭގެ ފަހުން ދެ ތަރިން އެކުގައި ގިނަ ފިލްމުތަކުންވަނީ ފެނިފައެވެ.
ދާދިފަހުން އަމްރިތާއަށް ފިރިހެން ދަރިފުޅަކު ލިބިފައިވާއިރު މިވަގުތު ބަތަލާހުރީ ފިލްމީ މަސައްކަތްތަކާ ދުރުގައެވެ. ފިލްމު "މަސްތީ" އަދި "މެއި ހޫ ނާ"ފަދަ ފިލްމުތަކުން އަމްރިތާ ފެނިފައިވާއިރު އެންމެ ފަހުން އަމްރިތާ މަސައްކަތްކޮށްފައިވަނީ 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތާކަރޭ"ކިޔާ ބައޮޕިކްއެއްގައެވެ.