23 May 2023, 09:37
ބަތަލާ ހުމާ ގުރޭޝީ ކައްކާއެއްގެ ރޯލްކުޅޭ ފިލްމު "ތަރްލާ"ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.
ޒީ5އިން ޕްރިމިއާކުރުމަށް ނިންމާފައިވާ މިފިލްމަކީ، އިންޑިއާގެ މަޝްހޫރު ސެލެބްރިޓީ ޝެފް ތަރްލާ ދަލާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ބައޮޕިކްއެކެވެ. ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރުމުގެ އިތުރުން ތަރްލާއަކީ ކެއްކުމާބެހޭ އުކުޅުތަކާއެކު އޭގެ މައުލޫމާތު އާއްމުންނާ ހިއްސާކުރި ކުޅަދާނަ ލިޔުންތެރިއެއްވެސް މެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ހުމާގެ މިފިލްމުން ތަރްލާގެ ދިރިއުޅުމުގެ ބޮޑު ބައެއް ކެއްކުމުގެ ދާއިރާގައި ހޭދަކުރިގޮތާއި ކާމިޔާބު ޝެފަކަށް ބަދަލުވިގޮތް ދައްކުވައިދޭނެއެވެ. އާއްމުންގެ ގިނަ ބަޔަކަށް ކެއްކުމުގެ ކްލާސްތައް ހިންގުމަށްފަހު ތަރްލާވަނީ ކެއްކުމާގުޅޭ ތަފާތު ގިނަ ޓެލެވިޒަން ޝޯވްތައްވެސް ހުށަހަޅާފައެވެ.
View this post on Instagram
މުޅީން ތަފާތު ސިފައެއްގައި ހުމާ ގުރޭޝީ މިފިލްމުން ފެންނައިރު މިއީ ހުމާއަށް ވަރަށް ޚާއްސަ ފިލްމެއްކަމަށް އޭނާ ވަނީ ބުނެފައެވެ. މިފިލްމުގައި ގެނެސްދޭ ވާހަކައިން ކުޑައިރުގެ ވަރަށް ގިނަ ހަނދާންތަކެއް އާކުރުވާކަމަށްވެސް ހުމާވަނީ ބުނެފައެވެ. ކުޑަ އިރު ތަރްލާގެ ރެސިޕީތައް ބަލައިގެން މަންމަގެ ފަރާތުން ލިބޭ ކެއުންތަކުގެ ހަނދާންއާކުރަމުން ހުމާ ބުނެފައިވަނީ ތަރްލާގެ ވާހަކަ ބެލުންތެރިންނަށް ފެންނާނެ ދުވަހަކަށް އިންތިޒާރުކުރެވޭކަމަށެވެ.
ޕިޔުޝް ގުޕްތާ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ، ރޮނީ ސްކްރޫވާލާގެ އިތުރުން ނިތޭޝް ތިވާރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.
އިންޑިއާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސެލެބްރިޓީ ޝެފް ތަރްލާއަކީ، އެ ޤައުމުގެ ސަރުކާރުން ދޭ ޕަދްމާޝްރީ އެވޯޑްވެސް ލިބިފައިވާ ފަރާތެކެވެ. މިއީ މިހާތަނަށް އިންޑިއާގެ ޝެފަކަށް މިޝަރަފު ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ. ދެހާސް ތޭރަ ވަނަ އަހަރު، އުމުރުން 77 އަހަރުގައި ތަރްލާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.