ދިވެހި ވިޔަފާރިވެރިން އިގްތިޞާދީ ގޮތުން ބާރުވެރި ކުރުވުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށް އިކޮނޮމިކް މިނިސްޓްރީން މިއަދު ދެ ޕްރޮގްރާމެއް އިފްތިތާހު ކޮށްފިއެވެ.

އައްޑޫ ސިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި "ގްރާންޓް ފޯ ވޮމެން ލެޑް ބިޒްނަސް" އަދި ގްރާންޓް ފޯ ޓެއިލަރިންގް ބިޒްނަސް" އިފްތިތާހުކޮށްދެއްވީ، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު، މެމްބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާގެ މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމާއި އެ ވިޔަފާރިވެރިންނަށް މާލީ އެހީ އާއި ތަމްރީން އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ދެ ޕްރޮގްރާމްގައި ހިމެނޭނީ ޖުމުލަ 200 ފުރުސަތެވެ. އަދި ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވާ ކޮންމެ ފަރާތަކަށް އެއްލައްކަ ރުފިޔާއާ ހަމައަށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ އެންމެ ކުދި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ރަސްމީ ސިފައެއްގައި މިހާރު ވިޔަފާރި ރަޖިސްޓާކޮށްފައިނުވި ނަމަވެސް މި ޕްރޮގްރާމުގެ ތެރެއިން ވިޔަފާރި ރަޖިސްޓްރީ ކުރުމަށް އެއްބަސްވާ ފަރާތްތަކަށް ވެސް ޕްރޮގްރަމުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައި ވަނީ އާބާދީ ބޮޑު އަދި އިގްތިޞާދީ ހަރަކާތްތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރެއިން މާލޭ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދާ ވިޔަފާރި ހަރަކާތްތަކަށެވެ.

މި އެހީއަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެޖޮބް ސެންޓާ ޕޯޓަލްމެދުވެރިކޮށް އޮންލައިންކޮށެވެ.