23 May 2023, 08:58
ޓަންޑަން ދަރްމާ ކުންފުނިން 1998ގައި ރިލީޒްކުރި ކަރަން ޖޯހަރުގެ ފިލްމު "ކުޗް ކުޗް ހޯތާހޭ"އިން ކަރަން ހުށަހެޅި ރޯލް ނުކުޅެވުނީތީ މިއަދާ ހަމައަށްވެސް އެކަމާ ހިތާމަކުރާކަމަށް ބަތަލާ ރަވީނާ ޓަންޑަން ބުނެފިއެވެ.
މިފިލްމުގައި ބަތަލާ ރާނީ މުކަރުޖީ ފެންނަ ރޯލް އެންމެ ފުރަތަމަ ކަރަން ހުށަހެޅި ބަތަލާއިންގެތެރޭގައި ރަވީނާ ހިމެނެއެވެ. މިއަދާ ހަމައަށްވެސް ކަރަން އެކަމާ ޝަކުވާކުރާކަމަށް ބުނަމުން ރަވީނާ ބުނެފައިވަނީ ކަރަން އެރޯލް ހުށަހެޅި ދުވަސްވަރަކީ އޭނާގެ ފިލްމީކެރިއަރުގެ އެންމެ ނާކާމިޔާބު ދުވަސްވަރުކަމަށެވެ.
ބޮޑު ކާމިޔާބީއެއް ހޯދި "ކުޗް ކުޗް ހޯތާހޭ"ގެ ރޯލް ރަވީނާއަށް ވަރަށް ކަމުދިޔަކަމަށާއި ކެރިއަރުގެ ނާޒުކު އެދަނޑިވަޅުގައި ކާޖޮލް ފަދަ ކާމިޔާބު ތަރިއަކާއެކު އޭރު ދެވަނަ ރޯލަކުން ފެންނަން ރަވީނާ ބޭނުންނުވީކަމަށްވެސް އީ-ޓައިމްސްއަށް ދިން އިންޓަވިއުގައި ރަވީނާވަނީ ބުނެފައެވެ.
އޭގެ ފަހުން ކަރަންއާއެކު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު މިއަދާ ހަމައަށްވެސް ލިބިފައިނުވާކަމަށް ރަވީނާވަނީ ބުނެފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ރަވީނާ ޓަންޑަންއަކީ 90އިގެ އަހަރުތަކުގެތެރޭގައި ބޮލީވުޑުގައި ވިދާލި އެންމެ ކުޅަދާނަ އެއް ބަތަލާއެވެ.
ފިލްމު "ކުޗް ކުޗް ހޯތާހޭ"ގެ ރޯލަށް އެއްބަސްވިނަމަ ފަހުން ޕްރޮޑިއުސަރުން މުޅިން ވެސް ހުށަހަޅާނީ ދެވަނަ ލީޑިން ރޯލް ހިމެނޭ ފިލްމުތައްކަމަށް ރަވީނާވަނީ ބުނެފައެވެ.
އެ ދުވަސްވަރު ރަވީނާ ކުޅުނު ލަވަ 'ޝެހެރްކީ ލަޅްކީ' ލަވަޔާއެކު އޭރުގެ ނަމުން ނަމަ އައިޓަމް ލަވަތައް ކުޅެންވެސް ފުރުސަތު ލިބުނުކަމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމު "ދިލް ސޭ"ގެ 'ޗައްޔާ ޗައްޔާ' ކުޅެންވެސް އެންމެ ފުރަތަމަ ހުށަހެޅި ބަތަލާއިންގެ ތެރޭގައި ރަވީނާ ހިމެނެއެވެ.
މިލަވަ ފަހުން ކުޅެން ފުރުސަތު ލިބުނީ ބޮލީވުޑްގެ ކާމިޔާބު މޮޑެލް އަދި ނެށުންތެރިޔާ މަލައިކާ އަރޯރާއަށެވެ. އެ ފުރުސަތު ދޫކޮށްލެވުނީތީވެސް ދެރަވާކަމަށް ރަވީނާވަނީ ބުނެފައެވެ.
ފިލްމު "ކުޗް ކުޗް ހޯތާހޭ"ގެ އެރޯލު ބޮލީވުޑްގެ އަށް ވަރަކަށް ބަތަލާއިންނަށް ކަރަން ހުށަހެޅިއެވެ. އެހެންނަމަވެސް އެ ރޯލް ކުޑަކަމުން އެއްވެސް ބަތަލާއަކުވަނީ ރާނީ ފެނުނު ޓިނާގެ ރޯލް ކުޅެން އެއްބަސްނުވެފައެވެ. މިފިލްމަކީ ކަރަން ޑައިރެކްޓް ކުރި ފުރަތަމަ ފިލްމުވެސްމެއެވެ.