22 May 2023, 22:54
މީހެއްގެ ބޮލަށް ހެރިފައިވާ ބުޅިއެއް ނަގަން ދަގަނޑު ބުރިކުރާ ބޮޑު ކަޓަރެއް ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު މެންދުރުން ފެށިގެން އާންމުވެގެން އުޅޭ ވީޑިއޯ ނަގާފައިވާ ކޮންމެވެސް ރަށެއްގެ ސިއްހީ މަރުކަޒުގައެވެ. އެ ވީޑިއޯއިން އެއީ ކޮން ރަށެއްކަމެއް ނޭނގެއެވެ.
ފަސް ވަރަކަށް މިނިޓުގެ އެ ވީޑިއޯ ފެށެނީ، ފިރިހެނުންތަކެއް ސިއްހީ މަރުކަޒަށް ވަދެ އެ މީހާގެ ބޮލަށް ހެރިފައިވާ ބުޅި ނައްޓަން މަސައްކަތް ކުރާ މަންޒަރުންނެވެ. އޭރު ބޮލަށް ބުޅި ހެރިފައިވާ މީހާ އެނދުމަތިކޮށްގެން ނަރުހުން އޭނާ ކައިރީގައި ތިއްބެވެ.
ބުޅި ނައްޓަން ކަޓަރު ބޭނުންކުރަން އުޅުމުން ނަރުހުން އެދުނީ އެކަން ކުރަން ފެށުމުގެ ކުރިން ކަޓަރު ސާފުކުރާށެވެ. ދެން ފެންނަނީ ބުޅީގެ ތަންކޮޅުކޮޅުން ބުރިކުރަމުން ގޮސް ބުޅި އެއްކޮށް ނައްޓާ މަންޒަރެވެ.
މުޅި ވީޑިއޯގައި ވެސް އަނިޔާވެފައިވާ މީހާ ފެންނަނީ ވަރަށް ހަމަޖެހިލައިގެން މަޑުމަޑުން އޮންނަ މަންޒަރެވެ. އޭރު އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ގާތުގައި ތިބި މީހުން ވާހަކަ ދައްކާ ހަދާފައިވެއެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯ ބެލި ގިނަ މީހުން ބުޅި ނައްޓަން މަސައްކަތް ކުރި މީހާއަށް ތައުރީފުކޮށް, އޭނާ "ހީރޯ"އެއްގެ ގޮތުގައި ސިފަކުރިއެވެ. އަނެއް ބަޔެއްގެ ފާޑުކިޔުން އަމާޒުވީ އަތޮޅުތެރޭ ރަށްރަށުގެ ސިއްހީ ފެންވަރަށެވެ.
"ވީޑިއޯއަކުން ރާއްޖޭގެ ހެލްތުގެ ހާލަތު. މިލިއަނުން ޚަރަދުކުރަނީ މިނިސްޓަރުންނާ ސަރުކާރުގެ ވެރިންގެ ޖީބަށް،" މީހަކު ކޮމެންޓް ކޮށްފައި ވެއެވެ.
ބުޅި ނައްޓަން ކަޓަރު ބޭނުންކުރަން ޖެހުނު ސަބަބު މިހާތަނަށް ޔަގީން ނުކުރެވުނު ނަމަވެސް، ނަރުހުންގެ ރުހުމާއެކީ މިކަން ކުރުމުން ލަފާކުރެވޭ ގޮތުގައި ކަޓަރު ބޭނުންކުރަން ޖެހުނީ ބުޅި ނައްޓަން ބޭނުންވާ ސިއްހީ އާލާތްތައް ނެތުމުންނެވެ.