ކަނޑުއަޑިއަށް ފައްތާފައި ހުރި މަސްތުވާތަކެތި ފެނުނު ފ. އަތޮޅު ފިލިތެޔޮ ރިސޯޓު ކައިރީގައި ފުލުހުންގެ އޮޕަރޭޝަން އަދިވެސް ކުރިޔަށްދާ ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

ފިލިތެޔޮ އޮންނަ ސަރަހައްދުގެ ކަނޑުއަޑިއަށް ފައްތާފައި ހުރި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. މި ތަކެތި އެންމެ ފުރަތަމަ ފެނުނީ އެ ރިސޯޓު ކައިރީ އޮންނަ ފީއަލިން މަހަށް ދިޔަ ބަޔަކަށެވެ.

މަސްތުވާތަކެތި ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަން 'ސަން' އަށް ކަށަވަރުކޮށްދިން ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަން ދެކޮޅުހަދާފައެވެ.

މީގެ އެތައް އަހަރެއް ކުރިން ވެސް ވަނީ ރާއްޖޭގެ ފަޅެއްގައި ރައްކާކޮށްފައި ހުރި ޓަނަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. މަދުން ނަމަވެސް ކަނޑު އަޑީގައި ރައްކާ ކޮށްފައި ހުންނަ މަސްތުވާތަކެތި އަތުލައިގަނެއެވެ.