27 Apr 2012, 14:29
ޓެލްއަވީވް (އޭޕްރީލް 27): އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އިސްރާއީލު ދެމިއޮތުމަށް އޮތް އެންމެ ބޮޑުނުރައްކާ ކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަާރާކް އިންޒާރުކުރައްވައިފި އެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ޒަޔަނިސްޓް އިސްތިޢްމާރީ ދައުލަތެއް އުފެއްދުމުގެ އަހަރީ މުނާސަބަތާ ގުޅިގެން ވާހަކަ ދައްކަވަމުން ބަރާކް ވިދާޅުވީ ނިއުކްލިޔާ އިސްލާމީ އީރާނަކީ އިސްރާއީލުގެ ވުޖޫދަށާއި އިސްރާއީލުގެ އަމްނާއި ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ ސަބަބުން މެދުއިރުމަތީގެ އެހެންޤައުމުތައް ވެސް ނިއުކްލިޔާ ހަތިޔާރުގެ ރޭހަށް ވަންނާނެ ކަމުގަ އެވެ.
ސަޢޫދީ އަރަބިޔާ ފަދަ އިސްރާއީލާ ދުޝްމަން ޢަރަބި ޤައުމުތަކަށް އީރާނުގެ ސަބަބުން ނިއުކްލިޔާ ވިސްނުން އަންނަމުންދާ ކަމަށާއި ކައިރި މުސްތަޤްބަލެއްގައި ސަޢޫދީ އަރަބިޔާ، ތުރުކީ އަދި މިސްރު ފަދަ އިސްލާމީ ޤައުމުތައް ނިއުކްލިޔާ ހަތިޔާރުގެ ރޭހަށް ވަންނަން މަސައްކަތްކުރާނެ ކަމުގެ ބިރު އިސްރާއީލުން އިޙްސާސްކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަރާކް ވިދާޅުވީ ނިއުކްލިޔާ އީރާނާ މުޢާމަލާތްކުރުމަކީ އިސްރާއީލަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ ސަބަބުން އިސްރާއީލުގެ އަމްނާ ބެހޭ ސްޓްރެޓެޖީއަށް ނުރައްކާވަމުންދާ ކަމުގައެވެ.
ތަޖްރިބާކާރުން ބުނާގޮތުގައި ޢަރަބި ޤައުމުތަކުގެ މެދުގައި އޮންނަ ކުޑަޤައުމެއް ކަމަށްވާ އިސްރާއީލު އެޤައުމުގެ އަމްނާ ބެހޭ ސްޓްރެޓެޖީ ބިނާކޮށްފައި ވަނީ އިސްރާއީލަކީ އެ ޤައުމާ ހަނގުރާމަކޮށްގެން ބަލިނުކުރެވޭ ވަރުގެ ބާރުގަދަ ޤައުމެއްކަން ދައްކައިގެން ޢަރަބި ޤައުމުތައް ބިރުގެންނެވުމުގެ މައްޗަށެވެ.
މިބިރު ދެއްކުމަށް ޓަކައި މެދުއިރުމަތީގައިވާ ހަމައެކަނި ނިއުކްލިޔާ ބާރަކީ ވެސް އަދި މިސައިލާއި ރޮކެޓް އުފެއްދުމާއި ޖައްވަށް ސެޓަލައިޓް ފޮނުވުން ފަދަ ހައިޓެކްނޮލޮޖީގެ ޤާބިލްކަން ލިބިފައިވާ އަދި ލިބޭނެ ޤައުމަކީ ވެސް ހަމައެކަނި އިސްރާއީލުކަމުގެ ޕްރޮޕަގެންޑާ އެމެރިކާއާއި އިސްރާއީލު ގެންދަނީ ފަތުރަމުންނެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމާއި ސެޓަލައިޓް ޕްރޮގްރާމްގެ ސަބަބުން އިސްރާއީލުގެ މިސްޓްރެޓެޖީ ރޫޅިގެންދާނެ ކަމުގެ ބިރު އިސްރާއީލާއި އެމެރިކާ އިޙްސާސްކުރުމަކީ އީރާނާދެކޮޅަށް އެ ދެ ޤައުމު އުތުރިއަރަމުންދާ މައިގަނޑު ސަބަބުކަމަށް ތަޖްރިބާކާރުން ދެކެ އެވެ.
ނިއުކްލިޔާ މައްސަލާގައި އީރާނުގެ މައްޗަށް ކުރިމަތިކުރެވޭ ދަތިކުރުމާއި ފިއްތުންތަކުގެ ސަބަބުން އެޤައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގެ ފުރްސަތު ވަރަށް ކުޑަކަމަށް ވެސް ބަރާކް ވިދާޅުވި އެވެ. (އަލްޖަޒީރާ+މީޑިޔާ ރިޕޯޓްތައް)