27 Apr 2012, 13:59
އިސްލާމްއާބާދު (އޭޕްރީލް 27):ޕާކިސްތާނުގެ ޝަރުޢީ ދާއިރާގެ (ކޯޓުގެ) ހުރުމަތް ކެނޑިކަމުގެ ކުށް އެޤައުމުގެ ބޮޑުވަޒީރު ޔޫސުފް ރިޒާ ޖީލާނީގެ މައްޗަށް ސާބިތުވެއްޖެ އެވެ.
ޕާކިސްތާނުގެ ކޯޓުގެ ޙުރްމަތް ކެނޑިކަމުގެކުށް ޖީލާނީގެ މައްޗަށް ސާބިތުވީ އެ ޤައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރަކަށް އޭނާ ތަބާވެ ވަޑައިނުގަތުމުންނެވެ. ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ދަޢްވާއަކާ ގުޅޭ ލިޔުންތައް ކޯޓަށް ލިބޭނެ ގޮތް ހެދުމަށް ޓަކައި އެލިޔުންތައް ހޯދުމަށް އެދި ސްވިޓްޒަލެންޑް ސަރުކާރަށް ސިޓީ ފޮނުވުމަށް ސުޕްރީމް ކޯޓުން ގީލާނީގެ ސަރުކާރުގެ މައްޗަށް ކުރި އަމުރަކަށް އޭނާ ތަބާވެވަޑައިނުގެންނެވުމުން އެމައްސަލަ ބެލުމަށް ފަހު އިއްޔެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައި ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެކުށް ޖީލާނީގެ މައްޗަށް ސާބިތުވާ ކަމަށެވެ. މި ޙުކުމް އިއްވާފައި ވަނީ އުއްތަމަ ފަނޑިޔާރު ނަސީރުލްމަލިކް އެވެ.
ޕާކިސްތާނުގެ ޤާނޫނު އަސާސީ އާއި ޝަރުޢީ ދާއިރާގެ ޤާނޫނުތައް ބުނާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމަކީ އެކަން ސާބިތުވާ މީހަކު ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލައި ސަރުކާރާއި ދައުލަތުގެ މަޤާމެއްގައި އެމީހަކު ހުރި ނަމަ އެމަޤާމެއް ގެއްލޭނެ ޖަރީމާއެކެވެ. އެހެންކަމުން ކޯޓުގެ ޙުރްމަތް ކެނޑިކަމުގެ ކުށް ގީލާނީގެ މައްޗަށް ސާބިތުވުމަކީ ހަ މަސް ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމުގެ އިތުރުން ބޮޑުވަޒީރުކަން ވެސް ގެއްލޭނެ ކުށެކެވެ.
ނަމަވެސް އެ މައްސަލައިގައި ހިމެނޭ އެހެންކަންތައްތަކަށް ރިޢާޔަތް ކުރުމަށް ފަހު ފަނޑިޔާރުންނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ޙުކުމްކުރީ ޖީލާނީ އެއް މިނިއްޓުވަންދެން ސުޕްރީމް ކޯޓުގައި ބަންދުކުރުމަށާއި އޭނާ ޖަލަށް ނުލާގޮތަށެވެ. ސުޕްރީމް ކޯޓުގައި ޖީލާނީ ބަންދުކުރުމަށް ކުރި ޙުކުމަކީ ރަމްޒީގޮތުން ކުރި ޙުކުމެކެވެ. ނަމަވެސް މަގާމު ގެއްލުމުގެ ބިރު ޖީލާނީ އަށް އެބައޮތެވެ. އެ މައްސަލާގައި ގޮތެއް ކަނޑައެޅުމަށް ޓަކައި ޖީލާނީގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފަ އެވެ.
ޕާކިސްތާނުގެ ކޯޓުގެ ހުރްމަތް ކަނޑައިފި ނަމަ ނުވަތަ ޝަރުޢީ ނިޒާމުގެ އަގުވެއްޓޭ ގޮތަށް އެނިޒާމަށް ބަދުބަސް ބުނިކަން ސާބިތުވެއްޖެ މީހަކަށް ދައުލަތާއި ސަރުކާރުގެ ވެރިއަކަށް ނުހުރެވޭނެ ކަމަށް އެޤައުމުގެ ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. ނަމަވެސް އެ މައްސަލާގައި ގޮތެއް ކަނޑައެޅުމަށް ޓަކައި ޖީލާނީގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމުމުން ޖީލާނީ އަށް މަޤާމު ގެއްލުމުގެ މައްސަލާގައި އަދި ގޮތެއް ނުނިމި އެވެ. ކޯޓުގެ ހުރްމަތް ކެނޑިކަމުގެ ކުށްސާބިތުވި ނަމަވެސް ޖީލާނީ އަށް ބޮޑުވަޒީރުކަން ގެއްލޭނީ މިމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން އިތުރު ޙުކުމެއް އައުމުން ކަމަށް ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ކޯޓުގެ ޙުރްމަތް ކެނޑިކަމުގެކުށް ސާބިތުވެއްޖެ ނަމަ އަމިއްލަ އަށް މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގީލާނީ ކުރިން ވިދާޅުވެ އެވެ. ކޯޓުގެ ޙުރްމަތް ކެނޑިކަމުގެ ކުށްސާބިތުވުމަށް ފަހު ގީލާނީ ބޮޑުވަޒީރުކަމުގައި ހުންނެވުމަކީ ހުތުރުކަމެއް ކަމަށް ބެލެވިފައިވާތީ ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާ މަޤާމުން އިސްތިއުފާދެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕާކިސްތާނުގެ މީޑިޔާ ބުނެ އެވެ.
މިއީ ޕާކިސްތާނުގެ ކޯޓުގެ ޙުރްމަތް ކެނޑިކަމުގެ ކުށް އެޤައުމުގެ ބޮޑުވަޒީރެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރެވެ. (ރޮއިޓާސް)