އެމްޑީޕީގައި ތިބެގެން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ޓަކައި މަސައްކަތްކުރި ނަމަވެސް އެ ކަން ނުކުރެވި އާ ޕާޓީއެއް އުފައްދަން ޖެހުނީ އެ ކަމަށް މަގުފަހިކުރުމަށް ހުށަހެޅި 'ފޯމިއުލާ'އާ އެމްޑީޕީގެ މިހާރުގެ އިސްވެރިން ދެކޮޅު ހެއްދެވުމުންކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެެވެ.

އަލަށް އުފައްދަން މަސައްކަތް ކުރާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން މިއަދު ބޭއްވި އެ ޕާޓީގެ ފުރަތަމަ ނޫސްވެރިިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަަފްޝަން ލަތީފް ވިދާޅުވީ އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި އެ ފޯމިއުލާއަކީ އެމްޑީޕީގެ އަސާސީ ގަވައިދާ އެއްގޮތަށް އަމަލުކުރުންކަމަށެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އަދި އެމްޑީޕީން ރައްޔިތުންނަށް ގެނެސްދިން 'އަސްލު' މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒުކުުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ބޭފުޅުން ވެސް އެ ވިދާޅުވާ ފޯމިއުލާއަކީ އެމްޑީޕީގެ އަސާސްތައް ހިފެހެއްޓުން. އެމްޑީޕީގެ ހަގީގީ މެނިފެސްޓޯ ރައްޔިތުންނަށް ޑެލިވާކޮށްދިނުން. އެމްޑީޕީގެ އަސާސްތައް ނުގެއްލޭނެފަދަ ގޮތަކަށް އަޅުގަނޑުމެން ކޮންމެ ކޮމްޕްރޮމައިސެއް ކުރަންޖެހުނު ކަމުގައިވީ ނަމަވެސް ކޮންމެ ބަޔަކާ ވާހަކަދައްކަން ޖެހުނު ކަމުގައިވީ ނަމަވެސް ސިޔާސީ ގޮތުން އަޅުގަނޑުމެން ކޮންމެ މަސައްކަތެއް ކުރަން ޖެހުނު ނަމަވެސް އެ ކަން ހިފެހެއްޓުން،" އަފްޝަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ގޮތެއް ހޯދަން ޖެހުނީ އެ ހުށަހެޅުންތަކަށް އިޖާބަ ނުދިނުމުން ކަމަށެވެ. އެއީ ދަ ޑިމޮކްރެޓްސް އުފެދުމުގެ އަސްލުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން ވެސް ސިޔާސީ ޕާޓީތަކާއެކު މަޝްވަަރާކުރާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު ކުރާ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަރުލަމާނީ ހުށަހެޅުންތަކެއް ޖޭޕީއަށް ހުށަހެޅި ހިސާބުން އެ މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ. ނަމަވެސް އަފްޝަން ވިދާޅުވި ގޮތުގައި ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް ތަފާތު ފިކުރެއް އޮންނައިރު އެއީ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެކުގައި މަސައްކަތްކުރަން ގޮތް ނިންމާނީ ދެ ފަރާތުން ވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕާޓީގައި ވެސް ތި ވިދާޅުވާ އަސާސްތަކެއް ވެލިއުސްތަކެއް، އަޅުގަނޑުމެން ގަބޫލުކުރާ ވަކި ސިޔާސަތުތަކެއް ހުންނާނެ. އެއީކީ އަދި ޖޭޕީއާ ހުރިހާ އެއްޗަކީ އެލައިންވާނެ އެއްޗެއް ނޫން. އެ ބޭފުޅުންނަކީ އަދި ވަކި މެނިފެސްޓޯއެއް ހައްދަވައި ބޭފުޅުން. އެ ބޭފުޅުންގެ ވަކި ސިޔާސަތުތަކެއް ގެންގުޅުއްވާ ބޭފުޅުން. އެހެންވީމާ ބައެއް ކަންތައްތައް އެލައިންވާނެ،" އޭނާ ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ ޖޭޕީގައި ވެސް އަދި އިދިކޮޅު ޕީޕީއެމްގައި ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާ މެމްބަރުން ތިބިކަމަށެވެ.

އަފްޝަން ވިދާޅުވީ ދަ ޑިމޮކްރެޓްސްއިން މަސައްކަތް ކުރާނީ މުޅިން އާ މޫނުތަކަކާއެކު ސިޔާސީ މަސައްކަތް ކުރުމަށް ކަމަށެވެ. ޕާޓީއާ ގުޅޭ މެމްބަރުންގެ ތެރޭގައި މީގެ ކުރިން ސިޔާސީ ކަންކަމާ ދުރުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގެ ހުއްދައަށް ހުށަހަޅައިފައި ވަނީ އިއްޔެއެވެ. މިއީ އެމްޑީޕީގެ ތެރޭ ޚިޔާލު ތަފާތުވި ފިކުރެއްގެ ދިރުމުގެ މެމްބަރުން އެމްޑީޕީން އިސްތިއުފާ ދެެއްވުމަށްފަހު ވުޖޫދުކުރަން މަސައްކަތް ކުރައްވާ ޕާޓީއެކެވެ.

ނަމަވެސް އަދިވެސް ރައީސް މުޙައްމަދު ނަޝީދު ހުންނެވީ އެމްޑީޕީގައެވެ.