22 May 2023, 14:44
ދަހޭގް (22 މެއި 2023): އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ ދެ ފަނޑިޔާރަކާއި އެކޯޓުގެ ޕްރޮސެކިއުޓަރަކު ހައްޔަރުކުރުމުގެ އަމުރެއް ރަޝިއާއިން ނެރުމުން އެކޯޓުން އެކަމާމެދު ކަންބޮޑުވެއްޖެއެވެ.
ކަންބޮޑުވާކަން ހާމަކޮށް އައިސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯޓުގެ ދެ ފަނޑިޔާރަކާއި އެކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ހައްޔަރުކުރުމުގެ އަމުރު ރަޝިއާއިން ނެރުމަކީ ބިރުދެއްކުމުގެ އަމަލެއްކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި އެކަން އެއްވެސް ވަރަކަށް ބަލައިނުގަނެވޭނެކަމަށާއި އެކަމުގެ ސަބަބުން ބިރެއްނެތި މިނިވަން މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު އައިސީސީއަށް ގެއްލޭ ކަމަށް ވެސް ބުނެފައިވެއެވެ.
ރަޝިއާގެ ކޯޓަކުން އައިސީސީގެ ތިން މަސްއޫލުވެރިއަކު ހައްޔަރުކުރުމުގެ އަމުރު ނެރެފައިމިވަނީ އައިސީސީއިން ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުން ކަމަށްވަނީ ބެލެވިފައެވެ. ޕޫޓިންގެ އިތުރުން ރަޝިއާގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ކޮމިޝަނަރު، މާރިޔާ ލެވޯވާ ބެލޯވާ ހައްޔަރު ކުރުމުގެ އަމުރުވެސް އައިސީސީއިންވަނީ ނެރެފައެވެ.
ރަޝިއާ އަކީ އައިސީސީ އުފެއްދި މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ ރަޝިއާގެ މަސްއޫލުވެރިއަކާ ދެކޮޅަށް މިފަދަ އަމުރެއް ނެރުމަކީ އެކޯޓަށް ލިބިފައިވާ އިޚްތިސާސެއް ނޫންކަމަށާއި އެއަމުރު ނެރެފައިވަނީ ތަހުގީގެއްވެސް ނުހިންގައި ހުޅަނގުގެ ނުފޫޒުގެ ސަބަބުންކަމަށް އަމުރު ނެރުނު ދުވަސްވަރު ރަޝިއާ ވަނީ ބުނެފައެވެ.
ޕޫޓިންއާއި ބެލޯވާ ހައްޔަރުކުރުމުގެ އަމުރު އައިސީސީއިން ނެރެފައިވަނީ ޔުކްރޭން އާ ދެކޮޅަށް ރަޝިއާ ކުރަމުންގެންދާ ހަނގުރާމައިގާ ރަޝިއާ ސިފައިން ހިންގާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ޖަރީމާތަކާ ގުޅިގެން ކަމަށް އެކޯޓުން ބުނެފައިވެއެވެ.
ނަމަވެސް ރަޝިއާ ސިފައިން ހިންގާ އަމަލުތަކަށް ސީދާގޮތެއްގައި ޕޫޓިން ޒިންމާވެވަޑައިގަންނަވަން ޖެހޭނެކަމަށް އައިސީސީއިން ބުނެފައިވާތީ ގާނޫނާބެހޭ ތަޖުރިބާކާރުންވަނީ ސުވާލު އުފައްދާފައެވެ.
ޕޫޓިންއާއި ބެލޯވާ ހައްޔަރު ކުރުމުގެ އަމުރު އައިސީސީއިން ނެރެފައިވަނީ ޔުކްރޭންގެ އެތައް ހާސް ކުޑަކުދިން އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންގެ ހުއްދައަކާ ނުލައި ރަޝިއާއަށް ގެންގޮސް ރަޝިއާގެ ކުޑަކުދިން ބަހައްޓާ ތަނެއްގައި އެކުދިން ބަލަހައްޓަން ފެށުމުން އެއީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއްކަމަށް ނިންމުމަށްފަހުގައެވެ.
ރަޝިއާ ބުނާގޮތުން އެކަން އެގޮތަށް ކުރަންޖެހުނީ ހަނގުރާމައިގެ ނުރައްކާތެރިކަމުން އެކުދިން ސަލާމަތް ކުރުމުގެ މަގްސަދުގައެވެ. ރަޝިއާއަށް ގެންދިޔަ ޔުކްރެއިންގެ ކުޑަކުދިންގެ ތެރޭގައި ގިނައީ ޔުކްރެއިންގެ ރައްޔިތުންގެ ގޮތުގައި އުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ދަރިންކަމަށްވެސް ރަޝިއާ ބުނެފައިވެއެވެ.
އައިސީސީގެ އަމުރާއެކުވެސް ޕޫޓިން ހައްޔަރުކުރުމުގެ އަމުރު ތަންފީޒު ކުރުމަކީ އެއްވެސް ގައުމަކަށް ކެރޭނެ ކަމެއްނޫންކަމަށް ތަޖުރިބާކާރުން ދެކެއެވެ. ޕޫޓިން ހައްޔަރުކުރުމުގެ އަމުރު އައިސީސީއިން ނެރުމަށްފަހުވެސް އޭނާވަނީ ގައުމުން ބޭރަށް ޒިޔާރަތް ކުރައްވާފައެވެ. ނަމަވެސް އައިސީސީގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން ޕޫޓިން ހައްޔަރުކުރާނެކަމަށް ބެލެވޭ ގައުމަކަށް ޕޫޓިން ވަޑައިނުގަންނަވާނެކަމަށްވަނީ ބެލެވިފައެވެ.
އައިސީސީގެ އަމުރަށް ބަދަލުހިފުމުގެ ގޮތުން އެކޯޓުގެ ދެ ފަނޑިޔާރަކާއި އެކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ހައްޔަރުކުރުމުގެ އަމުރު ރަޝިއާ ނެރުނު ނަމަވެސް އެއީވެސް ރަޝިއާ ނޫނީ ބެލަރޫސްފަދަ، ރަޝިއާގެ ބާރު ހިނގާ ގައުމަކުން ނޫނީ ތަންފީޒު ކުރާނެ އަމުރެއް ނޫންކަމަށް މުހައްލިލުން ދެކެއެވެ.