އޭވައިއެލް އަތުން ފުރަތަމަ މެޗުގައި ލިބުނު ކާމިޔާބީއާކު، މިއަދު މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ވެސް ތިން ޕޮއިންޓު ހޯދުމުގެ އަޒުމުގައި ކަމަށް ވެލެންސިޔާގެ ހެޑްކޯޗް މުހައްމަދު އިގްބާލް ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެލެންސިޔާގެ ހެޑްކޯޗުގެ މުހައްމަދު އިގްބާލް ބުނީ، ލީގުގެ ފުރަތަމަ މޮޅުން ލިބުނު ހިތްވަރުގެ ބޭނުން މާދަމާ މާޒިޔާގެ މެޗުގައި ހިފާނެ ކަމަށެވެ. އަދި މާޒިޔާއަކީ ބަލި ޓީމެއް ނޫން ކަމަށް ވެސް އިގްބާލް ބުންޏެވެ.

"މާދަމާ ވެސް ނިކުންނާނީ މޮޅު ވުމުގެ އަޒުމުގަ. ތިން ޕޮއިންޓު ހޯދަން" ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު ބުންޏެވެ.

މާޒިޔާގެ އެސިސްޓެންޓު ކޯޗް އަހުމަދު ސުޒޭރު މިއަދު ބުނީ، މާދަމާ ވެލެންސިޔާ އާ ދެ ކޮޅަށް ނިކުންނައިރު އެޓީމުގައި ކޮންމެ ވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް ހުރި ކަމަށާއި އެހެންނަމަވެސް މާދަމާގެ މެޗަށް ނިކުންނާނީ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުން ބެލިވެފައިވާތީވެ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. ވިކްޓަރީ އަތުން މާޒިޔާ ބަލިވީ 3-2 ލަނޑުން ނެވެ.
އޭވައިއެލްއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ވެލެންސިޔާ ކުޅުނު މެޗް ކާމިޔާބު ކުރީ 1-0 ލަނޑުން ނެވެ. އެ ދުވަހުގެ މެޗުގައި ވެލެންސިޔާއަށް ލަނޑު ޖަހައި ދިނީ ބިދޭސީ ކުޅުންތެރިޔާ މައިކަލް ވިސްޑޮމް ސަލަމޮން އެވެ.


ވެލެންސިޔާ އާ ދެކޮޅަށް މާޒިޔާ ބައްދަލުކުރާ މެޗް ފަށާނީ މިއަދު ހަވީރު 4:00 ގައެވެ.