23 May 2023, 09:09
މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއަށް ރިލީޒްކުރި ބިރުވެރި ފިލްމަކާ ހެދި ބެލުންތެރިން ބިރު ގަންނަލެއް ބޮޑު ކަމުން ނުނިދިގެން އުޅޭ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މީހުން ކިޔަމުން އަންނަނީ ނެޓްފްލިކްސްއަށް ލާފައިވާ ބިރުވެރި ފިލްމު "ވައިކިން ވުލްފް" އިން ރަނގަޅަށް ވެސް ބިރު ގަންނަވާލައިފި ކަމަށެވެ.
ވައިކިން ވުލްފް އަކީ މިިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނެޓްފްލިކްސްއަށް ރިލީޒްކުރި ސްވީޑިޝް ބިރުވެރި ތުރިލާ ފިލްމެކެވެ. ކުޑަ ބަޖެޓެއްގައި ތައްޔާރުކޮށްފައިވާ މި ފިލްމަކީ ރޭޓިންއަށް ބަލައި ނަމަވެސް މާ މަތީގައި އުޅޭ ފިލްމެއް ނޫނެވެ. އައިއެމްޑީބީގައި ފިލްމަށް 10 އިން 5.2 ލިބިފައިވާއިރު ރޮޓެން ޓޮމާޓޯސްގައި ފިލުމަށް ލިިބިފައިވަނީ 100 އިން 50 ޕަސެންޓެވެ.
މި ފިލްމުގައި ކިޔައިދެނީ 17 އަހަރުގެ ތާލޭ ނަމަކަށް ކިޔާ ކުއްޖެއްގެ ވާހަކައެވެ. ތަރައްގީ ވެފައިނުވާ އަވަށަކަށް ތާލޭ ބަދަލުވަނީ އޭނަގެ ބައްޕަ މަރުވުމުން އޭނާގެ މަންމަ ގާތަށެވެ. މީގެ ކުރީން ތާލޭ ދިރިއުޅެމުން ދިޔައީ ބޮޑު އަވަށެއްގައި އޭނާގެ ބައްޕައާ އެކުގައެވެ.
ނަމަވެސް އަވަށަށް ބަދަލުވާއިރަށް ތާލޭއަށް ހަމަލާ ދެނީ ވިއަވުލްފެކެވެ. ދެން ފިލްމުގައި މަސައްކަތް ކުރާނީ އޭގެ އަނިޔާއިން ސަލާމަތްވެ މަސައްކަތް ކުރުމަށެވެ.
މި ފިލްމުން އެތައް ބައެއްގެ ނިދި ގެއްލުވާލާފައިވަނީ އެއިން ދައްކުވައިދޭ ގްރެފިކް މަންޒަރުތަކުން ކަމަށް އެތައް ބަޔަކު ބުނެއެވެ. އަދި، ދެވަނަ ފަހަރަށް ފިލްމު ނުބަލާނެ ކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނެފައިވަނީ ފިލްމު ނިންމާ ވެސް ނުލެވުނު ކަމަށެވެ.
ފިލްމުން ފެންނަ މަންޒަރުތަކާ މެދު ވިސްނޭތީ އެތައް ބައެއްގެ ނިދި ގެއްލިފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.