22 May 2023, 11:16
ކޮވިޑުގެ ކުރިން ރާއްޖޭގެ އެއް ނަންބަރު މާކެޓު، ޗައިނާ އިން 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާ މާކެޓުން ވަނީ ރާއްޖެއަށް 40،002 ފަތުރުވެރިއަކު އައިސްފައެވެ. އެއީ އެއްވަނައިގައި އޮތް ރަޝިޔާއާ އަޅާބަލާއިރު ގާތްގަޑަކަށް ދެބައިކުޅަ އެއްބައި ފަތުރުވެރިންނެވެ.
ޗައިނާ އޮތީ ރާއްޖެއަށް ހަވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައެވެ.
މި އަހަރު ރާއްޖޭގެ އެއްވަނަ މާކެޓު، ރަޝިޔާއިން ރާއްޖެއަށް 89،408 ފަތުރުވެރިއަކު އައިސްފައިވާއިރު، ދެވަނަ މަގާމް ދިފާއުކުރަމުންދާ އިންޑިޔާއިން ވަނީ 84،903 ފަތުރުވެރިއަކު ރާއްޖެއަށް އައިސްފައެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ރާއްޖެއަށް 69،902 ފަތުރުވެރިއަކު އައިސްފައިވާއިރު، ހަތަރުވަނަ މަގާމުގައި އޮތް އިޓަލީ އިން ވަނީ 58،906 ފަތުރުވެރިއަކު ރާއްޖެއަށް އައިސްފައެވެ.
އަދި ޗައިނާއަށް ވުރެ ގާތްގަޑަކަށް 15,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ފަސްވަނަ މަގާމުގައި އޮތީ ޖަރުމަނުވިލާތެވެ. އެގޮތުން ޖަރުމަނުން ރާއްޖެއަށް 55،569 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 757،992 ފަތުރުވެރިއަކު ޒިޔާރަތްކޮށްފައެވެ. މިއީ ނިމިދިޔަ ދެ އަހަރާ އަޅާބަލާއިރު 16.4 ޕަސެންޓުގެ ކުރިއެރުމެކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ދިގުމިނަށް ބަލާއިރު، މި މަހަކީ މިހާތަނަށް އެންމެ ކުރު ދުވަސްވަރެއްގައި ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މަހެވެ. އެގޮތުން މި މަހުގެ އެކަކުން މި މަހުގެ 17ގެ ނިޔަލަށް، ރާއްޖޭގައި އެވްރެޖްކޮށް ފަތުރުވެރިން މަޑުކުރަނީ 7.3 ދުވަހެވެ.
މި އަހަރު އެންމެ ގިނަ ދުވަހު ފަތުރުވެރިން ރާއްޖޭގައި މަޑުކުރީ ނިމިދިޔަ ޖެނުއަރީ މަހުއެވެ.
އެގޮތުން އެ މަހުގައި ރާއްޖޭގައި އެވްރެޖްކޮށް ފަތުރުވެރިން ވަނީ 8.1 ދުވަހު މަޑުކޮށްފައެވެ. މިއާއެކު މި އަހަރު އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވަނީ 7.8 ދުވަހުއެވެ.
މި އަހަރު ސަރުކާރުން އެންމެ ފުރަތަމަ އަމާޒު ހިފީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށެވެ. އެކަމަކު ސަރުކާރުން ކުރި އަންދާޒާއަށް ވުރެ ވެސް ފަތުރުވެރިކަން ކުރިއަރަމުން ދިޔުމުގެ ނަތީޖާއަކަށް ވީ، ސަރުކާރުގެ އަމާޒް 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ބަދަލުކުރުމެވެ.