މޮސްކޯ (22 މެއި 2023): ޔޫކްރެއިންގެ އިރުމަތީގައިވާ ބަޚްމުތް ރަޝިއާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެކަން އެގައުމުގެ ވެގްނާ ގްރޫޕުންނާއި ރަޝިއާގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދިނުމުން އެކާމިޔާބީގައި ޝާމިލްވާ ފަރާތްތަކަށް ރައީސް ވްލަދިމިޔާ ޕޫޓިން އިނާމު ދެއްވާނެކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަޚްމުތް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކުރެވުނީ އިނާމާއި މެޑެލް ހައްގުވާވަރުގެ ބޮޑެތި މަސައްކަތްތަކެއް ކަމަށާއި ބަޚުމުތު ހިފުމަށް ކުރި ހަނގުރާމައަކީ ނުރައްކަލުން ފުރިގެންވުމުގެ އިތުުރުން ދިގުމުއްދަތަކަށް ދެމިގެންދިޔަ އުނދަގޫ ހަނގުރާމައެއް ކަމަށެވެ. އެހެންކަމުން އެހަނގުރާމައިގައި ފާހަގަކޮށްލެވޭ ވަރުގެ މަސައްކަތްކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޚާއްސަ އިނާމާއި މެޑެލް ދިނުމަށް ރައީސް ވްލަދިމިޔާ ޕޫޓިން ނިންމަވާފައިވާ ކަމަށެވެ.

އޭގެކުރިން ޕޫޓިންވަނީ ބަޚުމުތު ހަނގުރާމަ ކާމިޔާބުކުރުމުން ރަޝިއާ ސިފައިންނަށާއި ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތެއްކަމަށްވާ ވެގްނާ ގުރޫޕަށް މަރުހަބާ ވިދާޅުވެފައެވެ.

ބަޚްމޫތު ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ޔުކްރެއިން ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރީ މިދެ ފަރާތުންނެވެ. ބަޚްމޫތު ހިފުމަށް ހަނގުރާމަ ކުރަމުންގެންދާތާވަނީ ގާތްގަނޑަކަށް ހަތް މަސްވެފައެވެ. އެސިޓީ ހިފަން ރަޝިއާ ސިފައިންނަށާއި ރަޝިއާގެ ވެގްނާ ގުރޫޕުގެ ކުލީ ސިފައިންނަށް އުނދަގޫވީ އެއީ ބިންގަރާސް ސިޓީއެއްކަމަށްވެފައި އާދައިގެ ސިޓީތަކާ އެސިޓީ ވަރަށް ބޮޑަށް ތަފާތުވީމައެވެ. ހަނގުރާމަ ކުރަންޖެހޭގޮތާއި ވައްޓަފާޅި އަދި ހަނގުރާމައިގެ މައިދާން ތަފާތުވީމައެވެ.

ވެގްނާ ގުރޫޕްގެ ލީޑަރު

ބަޚްމޫތު ސިޓީ ރަޝިއާގެ އަތްދަށަށް ދިޔުމާއެކު ޔޫކްރޭންގެ އިރުމަތީ ސަރަހައްދެއްކަމަށްވާ ދުންބާސް ސަރަހައްދު ޔުކްރެއިންއާ މުޅިން ވަކިވެ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ދިޔައީއެވެ. އަދިވެސް ދުންބާސް ސަރަހައްދުގެ ދެސިޓީކަމަށްވާ ކްރަމަޓޯސްކް އާއި ސްލޮވިއާންސްކް ޔުކްރެއިންގެ ކޮންޓްރޯލްގެ ދަށުގައި އެބައޮތެވެ.

ނަމަވެސް ބަޚްމޫތަކީ ސްޓްރެޓީޖިކް ސިޓީއަކަށްވާތީ އެސިޓީ ރަޝިއާގެ އަތްދަށުގައި އޮތުމުން ކްރަމަޓޯސްކް އާއި ސްލޮވިއާންސްކް ހިފަން ރަޝިއާއަށް ފަސޭހަވާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

ދިގުމުއްދަތަކުން ނަމަވެސް ރަޝިއާއިން ބަޚުމުތު ހިފާފައިމިވަނީ އެމެރިކާއާއި ޔޫރަޕުން ކުރިން ޔުކްރެއިންއަށް ނުދޭ ޒަމާނީ ބަރުހަތިޔާރު ޔުކްރެއިންއަށް ދީފައިވަނިކޮށެވެ. އެބަރުހަތިޔާރުގެ ތެރޭގައި އަސްކަރީ ހެލިކޮޕްޓަރާއި ޒަމާނީ ޓޭންކާއި ކުރުރާސްތާގެ މިސައިލްއާއި ޕެޓްރިއޮޓް ނިޒާމުފަދަ އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް ހިމެނެއެވެ.

ހުޅަނގުން ޔުކްރެއިންއަށް ބަރުހަތިޔާރު ދޭވަރަކަށް ރަޝިއާ ޔުކްރެއިންއަށް ދޭ ހަމަލާތައްވެސްދަނީ ވަރުގަދަވަމުންނެވެ. މިފަހަކަށް އައިސް ރަޝިއާ ޔުކްރެއިންއަށް ދޭ ހަމަލާތަކުގައި އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ އަދި ރާޑަރަށް ނާރާ ހައިޕާސޮނިކް މިސައިލްތައް ދަނީ ގިނައިން ބޭނުންކުރަމުންނެވެ.

އެމެރިކާ ޔުކްރެއިންއަށް ދީފައިވާ ވައިގެ ދިފާއީ ނިޒާމެއް ކަމަށްވާ ޕެޓްރިއޮޓް ނިޒާމުވެސް، ރަޝިއާ ވަނީ އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ކިންޒާލް މިސައިލެއް ބޭނުންކޮށްގެންވަނީ ހަލާކުކޮށްލާފައެވެ. މީގެއިތުރުން ރަޝިއާގެ އެންމެ ބާރުގަދަ މިސައިލްތައް ކަމަށްވާ ކަލީބާ އާއި އިސްކަންދަރު މަރުކާގެ މިސައިލްތައްވެސްދަނީ ޔުކްރެއިންއާ ދެކޮޅަށް ބޭނުންކުރާވަރު ރަޝިއާ ގެންދަނީ އިތުރުކުރަމުންނެވެ.

ރަޝިއާގެ އަތްދަށަށް ބަޚްމުތް ސިޓީ ދިޔަކަން މިހާރުވަނީ މުރާސިލުންނަށްވެސް ކަށަވަރުވެފައެވެ. ނަމަވެސް ޔުކްރެއިން ގެންދަނީ އެކަމަށް އެއްބަސްވުމަށް އަދިވެސް ދެކޮޅު ހަދަމުންނެވެ. ބަޚްމުތުގެ ކުޑަ ތަންކޮޅެއް އަދިވެސް ޔުކްރެއިން ސިފައިންގެ އަތްދަށުގައި އޮތްކަމަށްބުނެ ޔުކްރެއިންގެ ދިފާއީ ވުޒާރާވަނީ އެސިޓީ ރަޝިއާގެ އަތްދަށަށްގޮސް ޔުކްރެއިން ސިފައިން ފޭބިކަން ކަށަވަރުކޮށްދިނުމަށް ފަސްޖެހިފައެވެ. ޔުކްރެއިން ބުނާގޮތުން ބަޚުމުތުގެ ދިފާއުގައި ޔޫކްރެއިން ސިފައިން އަދިވެސް ގެންދަނީ ހަނގުރާމަ ކުރަމުންނެވެ.

ޒެލެންސްކީ

ޔުކްރެއިންއަކީ ރަޝިއާއިން އެމެރިކާގެ ޕެޓްރިއޮޓް ނިޒާމު ހަލާކުކޮށްލިކަމަށް އެމެރިކާ އިއުތިރާފުވިއިރުވެސް އެކަމަށް އިއުތިރާފުވުމަށް ފަސްޖެހިފައިވާ ގައުމެކެވެ.

ރަޝިއާގެ މިސައިލް ހަމަލާތަކުގައި ޔުކްރެއިންގެ ސިޓީތައް ފުނޑުފުނޑުވަމުންދާއިރުވެސް ޔުކްރެއިން ބުނާގޮތުން އެގައުމުގެ ސިފައިން ގެންދަނީ ރަޝިއާގެ ގާތްގަނޑަކަށް ހުރިހާ މިސައިލްތަކެއްވެސް އަމާޒަށް ވާސިލް ވުމުގެ ކުރިން ވައްޓާލަމުންނެވެ.