ރޭ ހުޅުމާލޭގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެއާއެކު އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު ހަތަރަކަށްވަނީ އިތުރުވެފައެވެ. "ސަން"އަށް އެނގިފައިވާގޮތުގައި ފުލުހަކަށް ހަމަލާދީފައި ވަނީ ގޭންގަކުންނެވެ.

މި ހާދިސާގައި މާ ބޮޑު އަނިޔާއެއް ފުލުސް މީހާއަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ލިބިފައިވާ އަނިޔާތަކަށް ހޮސްޕިޓަލުގައިވަނީ ފަރުވާ ދީފައެވެ.

މި ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ކުރެއްވި ޓްވީޓެއްގައިވަނީ އެ ހާދިސާ ހިނގުމާއެކު އެ ވަގުތު އެ ތަނުގައި ހުރި ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އަނިޔާ ލިބެމުން ދިޔަ ފުލުސް މީހާ ސަލާމަތްކުރުމަށް އަމަލުކުރި ގޮތަށް ތައުރީފްކުރައްވައިފައެވެ.

އަދި ފުލުހުންގެ ހައި ވިޒިބިލިޓީ ޓީމާ ހުޅުމާލެ ފުލުހުން ފިޔަވަޅު އެޅުމުގައި އަމަލުކުރި ގޮތަށް ވެސް ތައުރީފް ކުރައްވައިފައެވެ.

ރާއްޖޭގައި ގޭންގުތަކުގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. ގޭންގު ހަމަނުޖެހުންތަކުގައި މީގެކުރިން ވަނީ އެތައް ބަޔަކު މަރާލައިފައެވެ.

ގޭންގު ހަރަކާތް ކޮންޓްރޯލްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޚާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވާފައެވެ.