ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކުރުމުން އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ހާޒިރުކޮށްފައެވެ. މެންބަރުންގެ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވަން ފެށުމުން ސިޔާމް ވަނީ އަޑުގަދަކުރަން ފަށައިފައެވެ. އޭނާ ގޮވައިލައިފައިވަނީ އިިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ދޫކޮށްލުމަށެވެ. އަދި ރިޔާސީ އިންތިހާބު ގާތްވެފައި އޮއްވާ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޖަލުގައި ހުރީ ކީއްވެތޯ ވިދާޅުވެ އަޑުގަދަކުރެއްވިއެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ތަކުރާރުކޮށް ސިޔާމްއަށް ނަސޭހަތް ދެއްވައިފައެވެ. އެހެން ނަމަވެސް ތަޅުމުގައި އަޑުގަދަކުރުން ހުއްޓަވަލައިލައްވައިފައެއް ނުވެއެވެ.

ނަން އިއްވުމުން ސިޔާމާއި ހުސައިން އަދި ސައީދު ވަނީ މިނިސްޓަރު އިމްރާން އިންނެވި މޭޒުގެ ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވައިފައެވެ. އެހެންވެ، ސައީދާއި ހުސައިންގެ ނަން ވެސް ވަނީ އިއްވައިފައެވެ.

އެހެން ނަމަވެސް، މަޖިލީހުގައި އަޑުގަދަކުރުން ނުހުއްޓުމުން ތިން މިނެޓަށް މަޖިލިސް މެދުކަނޑާލަން ރިޔާސަތުން ނިންމެވިއެވެ. ނިޒާމު ގާއިމުކުރުމަށްފަހު މަޖިލިސް ފެށީ ފަސް މިނެޓެއްހާއިރު ފަހުންނެވެ.