22 May 2023, 09:36
އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމުކަމަށްވާ "ދްރިޝްޔަމް"ގެ ރިމޭކެއް ކޮރެއާގައި އުފެއްދުމަށް ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މި ފިލްމަކީ 2013ވަނަ އަހަރު ހަމަ މިނަމުގައި ރިލީޒްވި ކްރައިމް ތްރިލާ މަލަޔާލަމް ފިލްމުގެ ހިންދީ ރިމޭކްއެކެވެ. އިންޑިއާއަށް ނިސްބަތްވާ ގިނަ ބަހުރުވަތަކަކުން ފިލްމު ރިލީޒްކޮށްފައިވާއިރު މި ފިލްމު ވެގެންދާނީ އިންޑިއާއިން ބޭރުން އެހެން ބަހުރުވަޔަކުން އުފައްދާ ފުރަތަމަ އިންޑިއާގެ ފިލްމަށެވެ.
މިއަހަރު ބޭއްވުނު ކާންސް ފެސްޓިވަލުގައި ފިލްމު "ދްރިޝްޔަމް"ގެ ރިމޭކް ކޮރެއާގައި އުފައްދާނެކަން ކަށަވަރުވެފައިވާއިރު މި ފިލްމުގެ ދެވަނަބައި ރިލީޒްވެފައި ވަނީ މިދިޔަ އަހަރުއެވެ. ޕެނެރޮމާ ސްޓޫޑިއޯއިން ގެނެސްދީފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ ކުމާރު މަންގަތުއެވެ. ފިލްމު ކޮރެއާގައި އުފައްދާނީ އެޤައުމުގެ ފިލްމު ކުންފުންޏެއްކަމަށްވާ އެންތޮލޮޖީ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.
ކޮރެއާގައި އުފައްދާ ރިމޭކްގެ ލީޑް ރޯލްއިން ފެންނާނީ އެ ގައުމުގެ މަޝްހޫރު އެކްޓަރު ސޮންގް ކާންގް ހޯއެވެ. ސޮންގް ކާންގް ހޯއަކީ 2019ވަނަ އަހަރު ރިލީޒްވި ތްރިލާ ޑްރާމާ "ޕެރެސައިޓް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި އެކްޓަރެކެވެ. ފިލްމު "ދްރިޝްޔަމް"ގެ ކޮރެއާ ރިމޭކްއާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ބުނެފައިވަނީ، މިއީ ކޮރެއާގެ ސްޓޫޑިއޯއަކާ ގުޅިގެން އުފައްދާ އިންޑިއާގެ ފުރަތަމަ ފިލްމު ކަމަށެވެ. ކުރިއަށް އޮތް އަހަރު ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު މިއީ ބައިނަލް އަޤްވާމީ ދުނިޔޭގެ ޗާޓަށް ހިންދީ ސިނަމާ ގެނައުމަށް އެޅުނު މުހިއްމު ފާލަމެއްކަމަށް ޤަބޫލުކުރާކަމުގައި ކުމާރު މަންގަތް ވަނީ ބުނެފައެވެ.
ފިލްމު "ދްރިޝްޔަމް"ގެ ދެ ބައި މި ފްރެންޗައިސްގެ ދަށުން ރިލީޒްވެފައިވާއިރު މަލަޔާލަމް ފިލްމާ އެއްވަރަށް ހިންދީ ރިމޭކްއަށްވެސް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައެވެ. އަޖޭ ދޭވްގަންއާއެކު ފިލްމުން ފެންނަ މުހިއްމު ތަރިންގެތެރޭގައި ބަތަލާ ތައްބޫ، ޝްރިޔާ ސަރަން އަދި އިޝިތާ ދައްތާ ހިމެނެއެވެ. މި ފްރެންޗައިސްގެ ތިން ވަނަ ބައެއް އުފެއްދުމަށް ޕެނެރޮމާ ސްޓޫޑިއޯއިން ނިންމާފައިވާއިރު މިބައި ވެގެންދާނީ މި ފްރެންޗައިސްގެ އެންމެ ފަހު ބަޔަށްކަމަށް ރިޕޯޓުތައް ބުނެއެވެ.