22 May 2023, 09:29
އެކްޓަރު ސައިފް އަލީ ޚާންއާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ޚާން ބޮލީވުޑަށް ތަޢާރަފްވާ ފިލްމުގެ މަސައްކަތް ނިންމާލައިފިކަން ކަށަވަރުވެއްޖެއެވެ.
ފްރާންސްގައި ކުރިޔަށްދިޔަ މިއަހަރުގެ ކާންސް ފެސްޓިވަލުގެ އިވެންޓެއްގައި ވާހަކަ ދައްކަމުން އިބްރާހިމްގެ ދައްތަ އަދި ބަތަލާ ސާރާ އަލީ ޚާން ބުނެފައިވަނީ އިބްރާހިމް މިހާރު ވަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވެފައި ކަމަށެވެ. ސަރާ އަލީ ޚާން ފިލްމީ މައިދާނުގައި ފައިތިލި ސާބިތުކުރުމަށް މަސައްކަތް ފަށާފައިވާއިރު ކޮއްކޮ ފިލްމީ ދުނިޔެއާ ދުވަސްކޮޅަކުން ގުޅޭނެކަން ގަބޫލުކުރަން ވެސް ދަތިކަމަށް ސާރާ ވަނީ ބުނެފައެވެ.
މަންމަ އަމްރިތާ ސިންގްއާ ބެހޭގޮތުން ވާހަކަ ދައްކަމުން ސާރާ ބުނެފައިވަނީ އިބްރާހިމް ފިލްމީ މަސައްކަތުން އެނބުރި ގެއަށް އަންނަ ވަގުތަށް އަބަދުވެސް ދެ މީހުން އިންތިޒާރުކުރާ ކަމަށެވެ. އަދި މިކަމުގައި ސާރާއާއި މަންމަ އަމްރިތާ ވަރަށް އެއްގޮތްކަމަށް ވެސް ޒުވާން ބަތަލާ ވަނީ ބުނެފައެވެ.
ސާރާއާއި އިބްރާހިމްއަކީ ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންނެވެ. ސައިފްއާއި އަމްރިތާ ސިންގްގެ ކައިވެނި ރޫޅުމާއެކު ސާރާއާއި އިބްރާހިމް ބޮޑުވަމުންއައީ މަންމަ އަމްރިތާއާއެކުއެވެ.
ސާރާ ބުނެފައިވަނީ މަންމަ އަމްރިތާއަކީ މިހާތަނަށް ދިރިއުޅުމުގައި ދިމާވި އެންމެ ހިތްވަރުގަދަ މީހާ ކަމަށާއި އެއާ އެއްވަރަށް އަމްރިތާއަކީ، އެހާމެ ޖަޒުބާތީ މީހެއް ކަމަށެވެ. އެކަން އެންމެބޮޑަށް ފެންނަނީވެސް މަންމަ ދެބެންނާ ވަކިން ވަގުތު ހޭދަކުރާ ދުވަސްވަރުކަމަށް ސާރާ ވަނީ ބުނެފައެވެ. މަންމަ އަމްރިތާއަކީ ދިރިއުޅުމުގައި އެންމެ މުހިއްމު އަދި ސާރާއަށް ދިމާވާ ކަންކަމުގައި އަބަދުވެސް ކައިރީގައި ހުންނަ އެންމެ މުހިއްމު ފަރާތްކަމަށް ސާރާ ވަނީ ބުނެފައެވެ.
ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރަމުން އަންނަ އިބްރާހީމް ފިލްމީ މައިދާނަށް ނުކުންނަނީ ފިލްމު "ސަރްޒަމީން"އިންނެވެ. މި ފިލްމަކީ، ދަރްމާ ޕްރޮޑަކްޝަންއިން ގެނެސްދޭ ފިލްމެކެވެ. ފިލްމުގައި އިބްރާހިމް ފެންނާނީ އަސްކަރީ ސިފައިންގެ މީހެއްގެ ރޯލްއިންނެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިޢުލާނު ނުކުރެއެވެ.