22 May 2023, 09:21
ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ލަވަކިޔުންތެރިޔާ އަނޫރާދާ ޕާދްވަލް، ލަވަކިޔުންތެރިޔާ އަރިޖިތު ސިންގްއަށް ނިސްބަތްކޮށް ފާޑުކިޔައިފިއެވެ.
އަނޫރާދާ ފިލްމު "ދަޔަވަން"އަށް 1988ގައި ކިޔައިދިން ލަވަ 'އާޖް ޕިރު ތުމްޕޭ'ގެ ރިމިކްސް ލަވަ އަރިޖިތު ސިންގް ކިޔުމާއި ގުޅިގެން އޭގެ ނޭދެވޭ އަސަރު އަނޫރާދާއަށް ވަރަށް ބޮޑަށް ކުރިކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
އަރިޖިތު ސިންގު ފިލްމު "ހޭޓް ސްޓޯރީ2"އަށް ކިޔައިދިން ރިމިކްސް ލަވަ 'އާޖް ޕިރް ތުމްޕޭ"އަކީ އާއްމުންގެ ގިނަބައެއްގެ މަގުބޫލުކަމެއް ހޯދި ލަވައެކެވެ.
ބޮލީވުޑްގެ އެންމެ ހިތްގައިމު އަޑުގެ ވެރިޔާ އަނޫރާދާ ފަހުން ބުނެފައިވަނީ ފާޑުކިޔާފައިވަނީ އަރިޖިތުއަށް ނޫންކަމަށާއި ނަމަވެސް އަރިޖިތު ކިޔާފައިވާ ރިމިކްސް ލަވައަށް ކަމަށެވެ. އަނޫރާދާ ބުނެފައިވަނީ، އަސްލު ލަވައިގެ ރިމިކްސް ގެނެސްދޭއިރު ގެނެސްދޭންވާނީ ލަވައިގެ އަސްލު ނުގެއްލޭގޮތަށް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިހާރަކަށްއައިސް ނެރޭ ގިނަ ރިމިކްސް ލަވަތަކުން އަސްލު ލަވައިގެ އެ ހުންނަ ރީތިކަން ނުހުންނަ ކަމަށް ރީތި ގިނަ ލަވަތަކެއް ހުށަހަޅާދީފައިވާ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.
މީގެތެރޭގައި ގިނައީ 90އިގެ އަހަރުތަކުގެ ތެރޭގައި އުފެދުނު ހިތްގައިމު ރީތީ ލަވަތައްކަން އަނޫރާދާ ވަނީ ފާހަގަކޮށްފައެވެ.
އަރިޖިތު ސިންގްގެ އަޑުން ކިޔާފައިވާ 'އާޖް ޕިރު ތުމްޕޭ' އަޑު އެހުމަށްފަހު ލަވައަށް ގެނެސްފައިހުރި ބަދަލުތައް އެނގުމުން ވަރަށް ދެރަވިކަމަށާއި ހިތަށް ހަމަޖެހުމެއް ލިބުނީ އަމިއްލައަށް މީގެ އެތަކެއް އަހަރުކުރިން ކީ އަސްލު ލަވަ އަޑު އަހާލެވުމުންކަމަށް އަނޫރާދާވަނީ ބުނެފައެވެ.
އަރިޖިތު ސިންގްއަކީ، ބޮލީވުޑްގައި މި ވަގުތުހުރި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާއެވެ. ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ލަވަކިޔުންތެރިޔާ އަނޫރާދާ ބުނެފައިވަނީ ރީތި ލަވަޔަކަށް ޓްރިބިއުޓެއް ދޭން ބޭނުންނަމަ އެކަން އިންސާފުވެރިކޮށް ކުރުމަށް އިސްކަންދިނުން މުހިއްމު ކަމަށެވެ. އަދި މީޑިއާތަކުން އަނޫރާދާ ނެރުނު ސްޓޭޓްމެންޓް އެހެންގޮތަކަށް އޮޅުވާލައިގެން ޕަބްލިޝްކުރުމުން އެކަމާ ހިތާމަކުރާކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އަރިޖިތު ސިންގްގެ ފަރާތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.