ހުޅުމާލޭގައި ގޭންގަކުން ފުލުހަކަށް ހަމަލާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި މިރޭ ފުލުހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެނގިފައިވާގޮތުގައި އެ ފުލުސް މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ.

"ސަން"އަށް އެނގިފައިވާގޮތުގައި ފުލުހަކަށް ހަމަލާދީފައި ވަނީ ގޭންގަކުންނެވެ. އެނގިފައިވާގޮތުގައި އެ ހަމަލާއާ ގުޅިގެން އެ ގޭންގަށް ނިސްބަތްވާ އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ގޭންގުތަކުގެ ނުރައްކާތެރިކަން ދުވަހެއް ދުވަހަކަށް އަންނަނީ ބޮޑުވަމުންނެވެ. ގޭންގު ހަމަނުޖެހުންތަކުގައި މީގެކުރިން ވަނީ އެތައް ބަޔަކު މަރާލައިފައެވެ.

ގޭންގު ހަރަކާތް ކޮންޓްރޯލްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޚާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވާފައެވެ.