އެމެރިކާގެ މެމޮރީ ޗިޕް އުފައްދާ ކުންފުނި މައިކްރޯން ޓެކްނޮލޮޖީ (އެމްޔޫ)އިން އުފައްދާ ޕްރޮޑަކްޓްތަކުގެ ސެކިއުރިޓީ ރިވިއުއެއް ޗައިނާއިން ހެދުމުން، އެ ރިވިއުއިން އެ އުފެއްދުންތައް ފެއިލްވެފައިވާތީ އެ އުފެއްދުންތައް ޗައިނާއަށް އެތެރެކުރުމާއި، ގަތުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅައިފިއެވެ.

ޗައިނާގެ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއޭސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައިކްރޯންގެ އުފެއްދުންތަކުގައި ނެޓްވޯކް ސެކިއުރިޓީގެ ބޮޑެތި ނުރައްކާތަކެއް ހުރިކަން ރިވިއުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ސަބަބުން ޗައިނާގެ 'ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗާ ސަޕްލައި ޗެއިން'އަށް ސަލާމަތީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެ، ޗައިނާގެ ގައުމީ ސަލާމަތަށް ބުރޫއަރާ ކަމަށް އެ ބަޔާނުގައިވެއެވެ.

މައިކްރޯންއިން ބުނީ ޗައިނާގައި ވިއްކާ އެ ކުންފުނީގެ އުފެއްދުންތައް ސީއޭސީއިން ރިވިއުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޗައިނާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އުއްމީދުކުރާ ކަމަށެވެ.

ނަމަވެސް ސީއޭސީއަށް ފެނުނީ ކޮން ނުރައްކަލެއް ކަމެއް އަދި ޗައިނާއަށް އެތެރެކުރުން މަނާ ކުރަނީ ސީދާ ކޮން އުފެއްދުންތަކެއް ކަމެއް އެ އިދާރާއިން ނުބުނެއެވެ.

ޗައިނާއިން މައިކްރޯންގެ އުފެއްދުންތައް ރިވިއުކުރާކަން އިއުލާންކުރީ މާޗް މަހުގެ ފަހުކޮޅުއެވެ. އެ ކުންފުނިން އޭރު ބުނީ އެކަމަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި ޗައިނާގައި އެ ކުންފުނީގެ ވިޔަފާރީގެ ކަންކަން އޮތީ އާދައިގެ މަތިން ކުރިއަށްދާ ކަމަށެވެ.

ޗިޕް ޓެކްނޮލޮޖީއާ މެދު އެމެރިކާ އާއި ޗައިނާގެ ސަރުކާރާ ދެމެދު ވަނީ ޚިޔާލު ތަފާތުވުންއުފެދިފައެވެ. އެގޮތުން އެ ޓެކްނޮލޮޖީ ޗައިނާއަށް އެކްސްޕޯޓް ކުރުން ހުއްޓުވަން ހުރަސްތަކެއް އަޅައި، މައިކްރޯންއާ ވާދަވެރި ޗައިނާގެ ކުންފުނިތަކުން އެމެރިކާގެ ބައެއް އުފެއްދުންތައް ގަތުން ހުއްޓުވަން އެގައުމުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

މައިކްރޯންއަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 10 ޕަސެންޓް ޗައިނާއިން ލިބޭ އިރު، ސީއޭސީގެ ނިންމުމާއެކު، ޗައިނާގައި ހުންނަ އެހެން ގައުމުތަކުގެ ކުންފުނިތަކަށް ވެސް މައިކްރޯންގެ އުފެއްދުންތައް ގަތުން މަނާވާނެ ކަމަށް އެ އިދާރާއިން ބުނެފައިނުވެއެވެ.

ޗައިނާއިން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކްރިޓިކަލް އިންފޮމޭޝަން އިންފްރާސްޓްރަކްޗާ ހިމާޔަތްކުރުމުގެ މަގުސަދުގައި އުސޫލެއް އެކުލަވާލިއިރު، ޑޭޓާ ސެކިއުރިޓީ ފަދަ ދާއިރާތަކާ ގުޅުން ހުރި ހަރުކަށި ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަން އެ ގަވާއިދުގައިވެއެވެ.

ބެއިޖިންއިން "ކްރިޓިކަލް" ކަމަށް ދެކޭ ސިނާއަތްތަކަކީ ޕަބްލިކް ކޮމިއުނިކޭޝަން އަދި ޓްރާންސްޕޯޓް ފަދަ ސިނާއަތްތައް ކަމަށް މާނަކޮށްފައިވީ ނަމަވެސް، މިއީ ކޮން ބާވަތެއްގެ ކުންފުންޏަކަށް ނުވަތަ ވިޔަފާރިތަކަށް ޚާއްސަކޮށްފައިވާ އުސޫލެއް ކަމެއް ބެއިޖިން އިން ވަކިން ހާމަކޮށްފައެއް ނުވެއެވެ.