އަންނަ ސީޒަންގެ ޔޫއެފާ ޔޫރޮޕާ ލީގަކީ ލިވަޕޫލުގެ މުބާރާތެއް ކަމަށް އެ ކްލަބުގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ރޭ 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެން ގަދަ ހަތަރަކަށް އެރުމަށް ލިވަޕޫލަށް މިހާރު އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެ ނަމަ، އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ފުރުސަތެއް ނުލިބޭނެއެވެ. ނަމަވެސް އެޓީމަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

ޗެމްޕިއަންސް ލީގުގެ ފުރުސަތެއް ނުލިބިއްޖެ ނަމަ، އަންނަ ސީޒަން ވެގެންދާނީ އަށް އަހަރުގެ ތެރޭގައި ލިވަޕޫލުން ޔޫރޮޕާ ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރަށެވެ. ލިވަޕޫލުން ވަނީ މިދިޔަ ފަސް ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކޮށް، ތިން ފަހަރަކު ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލެވިފައިވަނީ އެންމެ ފަހަރަކުއެވެ.

"ލިވަޕޫލުން ބަލާނީ ޔޫރޮޕާ ލީގަކީ އަހަރެމެންގެ މުބާރާތެއްގެ ގޮތުގައި. ގިނަ ޓީމުތަކަކާ ވާދަކޮށް އަހަރެމެންނަށް ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރުވުމަކީ ވަރަށް ރަނގަޅު ކަމެއް. ހާސިލު މިވީ ވަރަށް އުނދަގޫ ކަމެއް،" ރޭގެ މެޗަށްފަހު 'ބީބީސީ ސްޕޯޓް' އަށް ދިން އިންޓަވިއެއްގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ބުންޏެވެ.

ލިވަޕޫލުގެ ކޯޗުކަމާ 2015 ވަނަ އަހަރު ކްލޮޕް ހަވާލުވި ފަހުން މިއީ އެ ކްލަބަށް އެންމެ ދަށް ސީޒަނެވެ. ލިވަޕޫލުގެ އެންމެ ކާމިޔާބު އެއް ކޯޗުގެ ގޮތުގައި ފާހަގަކޮށްލެވޭ ކްލޮޕް ވަނީ އެ ކްލަބަށް ޗެމްޕިއަންސް ލީގުގެ ތައްޓަކާއި ޕްރިމިއާ ލީގުގެ ތައްޓަކާއި އެފްއޭ ކަޕްގެ ތައްޓެއްގެ އިތުރުން އީއެފްއެލް ކަޕްގެ ތައްޓެއް ވެސް ހޯދައިދީފައެވެ.