މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފިއެވެ.

ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނީ މިއަހަރު ކުރީކޮޅު ހުޅުވާލާފައެވެ. ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 27 ގައި އަލުން ހުޅުވާލިއެވެ.

ކޮންސްޓަބަލުންގެ މުސާރައަށް މަހަކު 11،810 ރުފިޔާ ލިބޭނެއެވެ. މީގެ ތެރޭގައި އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 4،650 ރުފިޔާ އާއި ސާވިސް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާއާ ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (-/1,860 ރުފިޔާ) ލިބޭނެއެވެ. އަދި ޔުނިފޯމް އެލަވަންސްގެ ގޮތުގައި މަހަކު 300 ރުފިޔާ ލިބޭނެއެވެ.

ފުލުހުންގެ ކޮންސްޓަބަލްގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މިކަމަށް އެދެން ބޭނުންވާ މީހުން ފޯމް ހުށަހަޅަން ޖެހޭނީ ފުލުހުންގެ ހެޑްކުއާޓާޒްއަށެވެ.

މި ވަޒީފާ ޝަރުތުތަކުގެ ތެރޭގައި އެސްއެސްސީ އިމްތިހާނުން ދެ މާއްދާ އިން "ސީ" ފާސް ލިބިފައިވުމާ އެކު، ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ދެ މާއްދާ އިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާން ޖެހެއެވެ. އެހެން ނޫން ނަމަ، ދިވެހި ފުލުހުންނާ ގުޅުން ހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ހާސިލުކޮށްފައިވާން ޖެހެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓް ތިން އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓް ހަމަވާ، އަދި އުމުރު 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހެއެވެ.