ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާއި ޗައިނާގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރެެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.މި ބައްދަލުކުރެއްވުން މިއަދު ހެނދުނު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރާއި އެ މަނިކުފާނުގެ ވަފުދަށް ރައީސް، މަރުހަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިގޮތުން ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި، ތައުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ކުރިޔަށް އޮތްތަނުގައި ވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެގައުމަށް ފައިދާހުރި މަޝްރޫއުތައް ދެގައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ، ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައި ވިދާޅުވެފައެވެ.