21 May 2023, 13:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވައި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދައަށް އެދި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.
ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި، ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ. އަދި، ކުރިން އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުން ނަމުގައި ހިންގި ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރަން ނިންމައިފައެވެ.
ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަފްޝާން ލަތީފު ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ވާދަކުރައްވާނެ ކަމަށެވެ.
ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޕާޓީ އުފައްދަން ފޯމު ހުށަހެޅުއްވި ނަމަވެސް ނަޝީދު އަދިވެސް އެމްޑީޕީން ވަކިވެފައެއް ނުވެއެވެ. އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.