އެމެރިކާގެ ނޭޓިވް އެކްޓަރަކު ހޮލީވުޑްގައި އެތައް އަހަރެއް ވަންދެއް މަސައްކަތް ކުރަން އުޅެއުޅެ ވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތުމުން އެންމެ ފަހުން ހޮލީވުޑްގެ އެންމެ ބޮޑު އެއް ޑައިރެކްޓަރު ކަމަށްވާ މާޓިން ސްކޯސޭޒީ ގުޅި ވާހަކައެއް އާންމުންގެ މަގުބޫލުކަން ހޯދައިފިއެވެ.

ލިލީ ގްލެޑްސްޓޯން އަކީ ނޭޓިވް އެމެރިކާގެ ދަރިފަސްކޮޅަށް ނިސްބަތްވާ އެކްޓަރެކެވެ. ހޮލީވުޑްއިން އެތައް އަހަރެއް ވަންދެއް އައީ ނޭޓިވް އެކްޓަރުން ޕްރޮޖެކްޓުތަކުން ބާކީ ކުރަމުންނެވެ. އެތައް އަހަރެއް ވަންދެއް ނޭޓިވް އެކްޓަރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހޮލީވުޑް އިން އެކްޓަރުންގެ މަސައްކަތްތައް އަގުވަޒަން ނުކޮށް އެކަހެރި ކުރެއެވެ.

ލިލީއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އޭނާ ވެސް އެތައް އަހަރެއް ވަންދެއް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާއަކަށް ކުރިއެރުމެއް ލިބޭ ގޮތެއް ނުވިއެވެ. އެންމެފަހުން ކޮވިޑްގެ އެންމެ ހާލަތު ގޯސްވި ދުވަސްވަރު 2020 ވަނަ އަހަރުގައި އޭނާ އެކްޓިން ދޫކޮށްލަން ވިސްނިއެވެ.

އަދި މާމުތް ކުޅަނދުރު ތަކާ ގުޅޭގޮތުން ދިރާސާކޮށް މަސައްކަތް ކުރުމަށްޓަކައި އޭނާ 2020 ވަނަ އަހަރު ޑިޕާޓްމެންޓް އޮފް އެގްރިކަލްޗާއަށް ވަޒީފާއަށް ހުށަހެޅިއެވެ. ވަޒީފާގެ އިންތިޒާރުގައި ކޮންމެ ދުވަހަކު މެއިލް ބަލަމުން ދަނިކޮށް ލިލީއަށް އެއް ދުވަހަކު ލިބުނީ ހީވެސް ނުކުރާ ފަރާތަކުން މެއިލް އެކެވެ.

ޖީމެއިލްއަށް ލިބުނު މެއިލްގައި ބުނަނީ މާޓިން ސްކޯސޭޒީ ޒޫމް ކޯލަކުން ބައްދަލުކުރަން ބޭނުންވާ ކަމަށެވެ. އެންމެފަހުން އެ ޒޫމް ކޯލުން ބައްދަލުވެ ލިލީއަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ހޮލީވުޑްގެ އެންމެ ބޮޑެތި ތަރިންނާއެކު މަސައްކަތްކޮށް ބޮޑު ބަޖެޓެއްގެ ފިލްމަކުން އޭނާއަށް ޖާގަ ލިބުނެވެ.

އެންމެފަހުން މިހާރު އެ ފިލްމު ނެރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ސްކޯސޭޒީގެ 200 މިލިއަން ޑޮލަރުގެ "ކިލާސް އޮފް ފްލާވާ މޫން" އެވެ. މިއީ ތިން ގަޑިއިރާ ބައިގެ ތާރީހީ އެޕިކް ފިލްމެކެވެ. އެމެރިކާގެ ހާލަތު ކުރިން އޮތް ގޮތް މި ފިލްމުގައި ދައްކައިދޭނެއެވެ. ލިލީ ފިލްމުން ފެންނާނީ ނޭޓިވް މީހެއްގެ ރޯލުންނެވެ.

މި ފިލްމު މިއަހަރުގެ ތެރޭގައި އާންމުންނަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މިހާރު ކުރިއަށްދާ ކާންސް ފެސްޓިވަލްގައި މި ފިލްމު ވަނީ އަޅުވާފައެވެ. އަދި ލިލީގެ އެކްޓިން ހުނަރަށް އެތައް ބައެއްގެ ތައުރީފު ލިބެމުން އަންނަ އިރު ފިލްމަށް ވަނީ ނުވަ މިނެޓުގެ ބޮޑު ސްޓޭންޑިން އޮވޭޝަނެއް ވެސް ލިބިފައެވެ.