21 May 2023, 11:39
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު، އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފައިވާއިރު ވޯޓުލާ މީހުންގެ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރަން އެ ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.
އީސީގެ ނައިބު ރައީސް ޢިސްމާއިލް ޙަބީބް 'ސަން'އަށް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 31 މޭގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. ވުމާއެކު އެ ލިސްޓު ބަލައި، ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގޮތުން އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ލިސްޓު ބެލުމަށްފަހު ކޮންމެ މީހެއް ވެސް އެމީހެއްގެ ނަމާއި އެޑްރެސް އޮތީ ރަނގަޅަށްތޯ ބެލުމަށް ހަބީބް ވަނީ އިލްތިމާސް ކުރައްވާފައެވެ. ކައުންސިލް އިދާރާތަކުން ލިސްޓު ބެލޭނެ ކަމަށް އީސީން ބުންޏެވެ.
ހަބީބް ވިދާޅުވީ އެ ލިސްޓުތައް ޗެކް ކުރުމަށް މިހާރު ސިޔާސީ ޕާޓީތަކަށް އަންގާފައިވާ ކަމަށެވެ. އަދި ލިސްޓު ހާމަ ކުރަން ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން އެ ލިސްޓު އާންމު ކޮށްފައި ވަނީ ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެ ކޮމިޝަނަށް 18 ޝަކުވާ ލިބިފައިވާ ކަމަށެވެ. ލިސްޓުގައި ނަން ނެތިގެން ތިން ޝަކުވާއެއް ލިބުނު ކަމަށާއި ލިސްޓުގައި ތިބި މީހުންގެ ތެރެއިން 12 މީހަކު މަރުވެފައިވާ ކަމުގެ ޝަކުވާ ލިބުނު ކަމަށް ހަބީބް ވިދާޅުވިއެވެ.
ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން ވޯޓާސް ލިސްޓު އެކުލަވާލާނީ ޑީއެންއާރުގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން ލިސްޓު އެކުލަވާލީ ޑީއެންއާރު މަސްދަރަކަށް ބަލައިގެން ކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން ލިސްޓުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮންމެ މީހަކުވެސް ލިސްޓު ބެލުން މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހަށް 18 އަހަރު ފުރި، ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ޖުމްލަ އަދަދަކީ 282،755 މީހުން ކަމަށެވެ. އެއީ 138،347 އަންހެނުންނާއި 144،408 ފިރިހެނުންނެވެ.
އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 262،135އެވެ. އެ އިންތިޚާބުގައި 230،757 މީހުން ވޯޓުލާފައިވެއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިންތިޚާބީ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސާ އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.