22 May 2023, 09:05
މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ކޮންސާޓުގައި ޓިކެޓް ގަންނަން ނުލިބުމުން ޝޯ ބެލުމަށް އެ ޝޯގެ ސެކިއުރިޓީއަކަށް ވީ މީހެއް ވައިރަލް ވެއްޖެއެވެ.
ޓޭލާ އަންނަނީ އޭނާގެ "އެރާސް" ޓުއާގައި އެމެރިކާގެ އެކި ކަންކޮޅުތަކުގައި ޝޯ ދެމުންނެވެ. އެތައް ހައުސްފުލް ޝޯތަކެއް އޭނާ ދެމުން އަންނައިރު މިއީ މިހާތަނަށް އޭނާ ދޭ އެންމެ ބޮޑު ޓުއާއެވެ. ގިނަ ބަޔަކު ބައިވެރިވާ މި ޓުއާގައި ޓޭލާއަށް ބިލިއަނާ ގާތް ކުރާ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިހާ ޑިމާންޑް ބޮޑު ޓުއާއެއް ދެމުން ދާއިރު ޝޯގެ ޓިކެޓްތައް ވަނީ އެތައް މަހެއް ކުރީން ވިކި ހުސްފައެވެ. އެހެންވީމާ ފަހުވަގުތު ޓިކެޓެއް ހޯދަން އުޅުމަކީ ވާނެ ކަމެއް ނޫނެވެ.
އެއިން އެކަކަކީ ނޭޝްވިލްއަށް އުފަން ޑޭވިސް ޕެރީގޯއެވެ. ނޭޝްވިލްގައި ޓޭލާ ޝޯ ދިނުމަށް ހަމަޖެހިފައިވާތީ އެތަނުގެ ޝޯއަށް ދިޔުމަށް ޑޭވިސް ޓިކެޓް ގަންނަން އުޅުނެވެ. އޭރު ޓިކެޓުގެ އެވަރެޖް އަގު ހުރީ 215 ޑޮލަރުގައެވެ. ނަމަވެސް ޓިކެޓް ގަންނަން ވީއިރަށް ދިމާވި މައްސަލައަކާ އެކު އޭނާއަށް ޓިކެޓް ގަނެވޭ ގޮތް ނުވިއެވެ.
ނަމަވެސް ޑޭވިސް އަކީ ޓޭލާގެ ވަރަށް ބޮޑު ފޭނަކަށް ވުމުން އޭނާ ބޭނުންވީ އެ ޝޯއަށް ކޮންމެހެން ހަދައިގެންވެސް ދާށެވެ. އެއާއެކު ކޮންސާޓްގެ ސެކިއުރިޓީއަށް ވަނުމަށް އޭނާ ހުށަހެޅިއެވެ. ކަން ދިމާވި ގޮތުން އޭނާއަށް ވަޒީފާ ލިބުނެވެ. އެންމެފަހުން އޭނާއަށް ޓޭލާގެ ކޮންސާޓުގައި ބައިވެރިވެވޭގޮތް ވިއެވެ.
ޓުއާގެ ތެރެއިން ޑޭވިސް ވައިރަލް ވެފައިވަނީ ޓޭލާ ލަވަ ކިޔަމުން ދަނިކޮށް ސްޓޭޖް ތިރީގައި ހުރެ އޭނާ ވެސް ލަވަކިޔަމުން ދިޔަ މަންޒަރަކާއެކުގައެވެ. ކޮންމެއަކަސް ޑޭވިސް ބުނާގޮތުގައި މިއީ އޭނާއަށް ގަބޫލު ވެސް ކުރަން ދަތިވާ ވަރުގެ ތަޖުރިބާއެކެވެ.
މިދިޔަ މާޗު މަހުގެ މެދުތެރޭގައި ޓޭލާ ފެށި ޓުއާ މިހާރު ނޭޝްވިލްގައި އޮތްއިރު މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އޭނާ ޝޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ.