އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން އާސެނަލް ބަލިވުމާ އެކު، މެންޗެސްޓާ ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.

ރަށުން ބޭރުގައި އާސެނަލް ކުޅުނު މެޗުގައި ނޮޓިންހަމް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އާސެނަލުން ރޭގެ މެޗަށް ނުކުތް އިރު، ލީގު ޗެމްޕިއަންކަން ހޯދުމަށް އެ ޓީމަށް ވެސް ހަނި ފުރުސަތެއް އޮތެވެ. ނަމަވެސް އެއީ ސިޓީން ކުޅޭ ތިން މެޗުން ބަލިވެ، އާސެނަލުން ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ރޭގެ މޮޅާ އެކު ނޮޓިންހަމުން ވަނީ ރެލިގޭޝަނުން ސަލާމަތްވެފައެވެ.

ސިޓީން މި ވަނީ ޖެހިޖެހިގެން ތިން ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ސިޓީން ތަށި ހޯދި އިރު، އެ ޓީމުގެ ކޯޗަކަށް ހުރީ މިހާރު ވެސް ކޯޗުކަމުގެ މަގާމުގައި ހުރި ޕެޕް ގާޑިއޯލާއެވެ. އޭނާ ވަނީ ބާސެލޯނާ އާއި ބަޔާން މިއުނިކަށް ވެސް އެ ކާމިޔާބީ ހޯދައިދީފައެވެ. ބާސާއާ އެކު ޖެހިޖެހިގެން ތިން ފަހަރު ސްޕެނިޝް ލަލީގާ ކާމިޔާބުކުރި އިރު، ބަޔާނާ އެކު ޖެހިޖެހިގެން ތިން ފަހަރު ޖަރުމަން ބުންޑަސްލީގާ ކާމިޔާބުކުރިއެވެ.

މި ސީޒަނުގައި ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ހޯދުމުގެ ފުރުސަތު ވެސް އެބައޮތެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހުގެ ދިހަވަނަ ދުވަހު ސިޓީން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

ރޭ ކުޅުނު ލީގު މެޗުގެ 19ވަނަ މިނެޓުގައި ނޮޓިންހަމުން ވަނީ ގޯލު ޖަހައި، އާސެނަލް ޕްރެޝަރަށް ވައްޓާލައިފައެވެ. އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ނޮޓިންހަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވަޑް ޓައިވޯ އަވިނިޔީއެވެ.

އެ ގޯލަށް ފަހު ފުރަތަމަ ހާފުގައި އާސެނަލަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އާސެނަލުން ގޯލު ޖެހުމާ އެންމެ ގާތަށް ދިޔައީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖެސޫސްއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ނޮޓިންހަމްގެ ކީޕަރު ކޭލާ ނަވާސްގެ އަތަށެވެ.

ދެވަނަ ހާފުގައި މަސައްކަތްތަކަކަށް ފަހު، އާސެނަލަށް ގޯލު ޖެހުމަށް ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ 61ވަނަ މިނެޓުގައެވެ. ބެން ވައިޓް ދިން ބޯޅައަކުން އާސެނަލްގެ އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާ ފޮނުވާލި ހަމަލާ، ނޮޓިންހަމްގެ ތަޖުރިބާކާރު ކީޕަރު ނަވާސް ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން ވެސް އާސެނަލުން ކުރިއަށް ޖެހި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ނޮޓިންހަމްގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ވެސް އާސެނަލުންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކޮށް، ގަދަ ހަތަރެއް ކަށަވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. ގަދަ ހަތަރެއް ކަށަވަރުކުރުމަށް ޔުނައިޓެޑަށް ދެން ބޭނުންވާނީ އެންމެ ޕޮއިންޓެކެވެ. ރޭގެ މެޗުގައި ޔުނައިޓެޑުގެ ގޯލު، ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ.

އަމިއްލަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ލީގު މެޗުގައި ބްރެންޓްފޯޑް އަތުން 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ ބަލިވެފައެވެ. އެ މެޗުގެ އަށްވަނަ މިނެޓުގައި ޓޮޓެންހަމަށް އިނގިރޭސި ފޯވަޑް ހެރީ ކޭން ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި ތިން ގޯލު ޖަހައި ބްރެންޓްފޯޑުން ވަނީ ކުރި ހޯދައިފައެވެ. ބްރެންޓްފޯޑުން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ބްރަޔަން އެމްބޫމޯ ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޔޯނޭ ވިސާއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ލިވަޕޫލް ވަނީ އެސްޓަން ވިލާ އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގެ 27ވަނަ މިނެޓުގައި ޑަގްލަސް ލުއިޒް ދިން ބޯޅައަކުން އެސްޓަން ވިލާއަށް ޖެކޮބް ރަމްސީ ލީޑު ހޯދައިދިން އިރު، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް މުހައްމަދު ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށް ދިއުމަށް ނިންމާފައިވާ ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯއެވެ.