21 May 2023, 09:45
ބަތަލާ ކިއާރާއާއި އެކްޓަރު ކާތިކް އާރްޔަން އެކީގައި ކުޅޭ ދެވަނަ ފިލްމު "ސަތްޔަ ޕްރޭމްކީ ކަތާ"ގެ ޓީޒާ ރިލީޒްކޮށްފައިވާއިރު 90އިގެ އަހަރުތަކުގައި ބޮލީވުޑުން ފެނުނު ލޯބީގެ ފިލްމުތަކުގެ ހަނދާން އާވާނެކަމަށް ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ.
ކިއާރާއާއި ކާތިކް ލީޑް ރޯލްކުޅޭ މިފިލްމަކީ ވަރަށް ސީދާ ސާދާ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ފިލްމެކެވެ.
ފިލްމުގެ ފުރަތަމަ ޓީޒާ އާއްމުކޮށްފައިވާއިރު މިއީ ކާތިކްއާއި ކިއާރާ ފުރަތަމަ ކުޅުނު ފިލްމު "ބޫލް ބުލައްޔާ 2"އަށްފަހު ދެ ތަރިން އެކީގައި އޮން ސްކްރީނުން ފެންނަ ދެވަނަ ފިލްމެވެ. ފިލްމު "ބޫލް ބުލައްޔާ 2"ގައި ކާތިކްއާއި ކިއާރާގެ ކެމިސްޓްރީ ވަރަށް ގިނަބަޔަކަށްވަނީ ކަމުގޮސްފައެވެ.
ފިލްމު "ސަތްޔަ ޕްރޭމްކީ ކަތާ"އަކީ، ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ އަމިއްލަ ފިލްމު ކުންފުނި ނަދިއަދްލާ ގްރޭންޑްސަން އެންޓަޓެއިންމެންޓްއިން ގެނެސްދޭ ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރަކީ، ނެޝަނަލް އެވޯޑްވެސް ހޯދާފައިވާ ހުނަރުވެރި ޑައިރެކްޓަރު ސަމީރު ވިދުވަންސްއެވެ. ސަމީރު ޑައިރެކްޓްކޮށްފައިވާ ފީޗާ ފިލްމުތަކުގެތެރޭގައި ނެޝަނަލް އެވޯޑް ލިބުނު ފިލްމު "ޗިޗޯރް" އަދި "އާނަންދީ ގޯޕަލް" ހިމެނެއެވެ.
ރީތި ލޯބީގެ ވާހަކަތައް ކިޔައިދޭ މި މިއުޒިކަލް ރޮމޭންސް ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް ޖޫން މަހުގެ 29ގައެވެ.
ކާތިކްއާއި ކިއާރާގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭގައި ސުޕްރިޔާ ޕަތަކް، ސިދާތް ރަންދޭރިއާ، ރާޖްޕަލް ޔާދަވް އަދި ނިރްމީތް ސާވަންތު ހިމެނެއެވެ. މިފިލްމަކީ ދާދި ފަހުން ޒަވާޖީ ހަޔާތެއް ފެށި ބަތަލާ ކިއާރާ ކައިވެންޏަށްފަހު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމުވެސްމެއެވެ.
މިދިޔަ އަހަރު ފިލްމު "ގޯވިންދާ ނާމް މެރާ"އިން ކިއާރާ ފެނިފައިވާއިރި ކިއާރާ އަންނަނީ ތެލުގޫ ފިލްމެއްގައިވެސް މަސައްކަތްކުރަމުންނެވެ.