ހޮލީވުޑްގެ ފިލްމު "މިޝަން އިމްޕޮސިބަލް7"ގެ ޓްރެއިލާ ރިލީޒްކުރުމާއެކު މިފިލްމުގައި ހިންދީ ފިލްމު "ޕަތާން"އިން ފެނުނު ގިނަ އެކްޝަން ސީންތަކާ އެއްގޮތް ސީންތަކެއް އެބަހުރިކަމަށް ޝާހްރުކްއާއި ސަލްމާންއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބުނެފިއެވެ.

"މިޝަން އިމްޕޮސިބަލް"ގެ މިހާތަނަށް ރިލީޒްވެފައިވާ ހުރިހާ ފިލްމުތަކަކީވެސް ކާމިޔާބު އެކްޓަރު ޓޮމް ކްރޫޒްގެ މޮޅެތި އެކްޝަން ސްޓަންޓްތައް ފެންނަ ފިލްމުތަކެވެ. އޭގެތެރޭގައި ބެލުންތެރިން ނޭވާ ހިފަހައްޓާލަންޖެހޭ ގިނަ ސީންތަކެއްވެސް ހިމެނެއެވެ.

ފިލްމު "ޕަތާން"ގެ ސަޕޯޓަރުންނަށް ފާހަގަކުރެވުނު ގޮތުގައި "މިޝަން އިމްޕޮސިބަލް 7"ގައި ދުއްވާފައިދާ ރޭލެއް ވެއްޓެން ދިމާވާ ސީންއިން ޓޮމް ކްރޫޒް ސަލާމަތްވާ ސީންއަކީ، ބޮލީވުޑް ފިލްމު "ޕަތާން"ގައިވެސް ފެނުނު ސީންއެކެވެ.

"ޕަތާން"ގައިވެސް ޝާހުއާއި ސަލްމާން ރޭލެއްގެތެރޭގައި ހިންގާ ތަޅާފޮޅުންތަކާއެކު އެ ރޭލު ވެއްޓެން ދިމާވާ ހާދިސާއިން ސަލާމަތްވާ ސީންއެއް ހިމެނެއެވެ. ދެ ފިލްމުގައިވެސް ދައްކުވައިދީފައިވާ މި ސީންގެ އެއްގޮތް ކަންތަކެއް ހުރުމުން ހޮލީވުޑްގެ ފިލްމުތަކުން މިހާރު ބޮލީވުޑް ނަކަލުކުރަން ފެށީތޯވެސް ސޯޝަލް މީޑިއާގައި ބައެއް މީހުންވަނީ ސުވާލު އުފައްދާފައެވެ.

އެކްޓަރު ސަލްމާން ޚާންއާއި ޝާހްރުކް ޚާންގެ ސަޕޯޓަރުންގެ މެދުގައި މިކަންތައް ބޮޑު ބަހުސަކަށްވެފައިވާއިރު ސަލްމާން ޚާންގެ ސަޕޯޓަރުން ބުރަވަނީ "މިޝަން އިމްޕޮސިބަލް7"އިން "ޕަތާން"ގެ ސީންތައް ނަކަލުކޮށްފައިވާކަމަށެވެ.

މިއަހަރު މިހާތަނަށް ރިލީޒްވި ބޮލީވުޑްގެ އެންމެ ކާމިޔާބު ފިލްމުގެ ލަޤަބު ހޯދާފައިވާ "ޕަތާން"ގެ ސްޓަންޓް ސީންތައް ޑައިރެކްޓްކޮށްފައިވަނީ، ސައުތް އެފްރިކާގެ ސްޓަންޓް އާޓިސްޓު ކްރެއިގް މެކްރޭ ކަމަށް މީޑިއާތަކުން ބުނިނަމަވެސް ޔަޝް ރާޖް ކުންފުނިން މިކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

"ޕަތާން"ގައި ޖުމްލަ ހަތަރު އެކްޝަން ސްޓަންޓް ޑައިރެކްޓަރުން މަސައްކަތްކޮށްފައިވާކަމަށް މީޑިއާތަކުންވަނީ ބުނެފައެވެ.

މިއަހަރުގެ ޖުލައި 12ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "މިޝަން އިމްޕޮސިބަލް7"އަކީ ޓޮމް ކްރޫޒް ޕްރޮޑިއުސްކޮށްފައިވާ، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފިލްމެކެވެ.