20 May 2023, 22:48
އަތޮޅުތަކުގެ ސްކޫލުތަކުގެ ދަރުވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެ ސްކޫލުތަކުން ކުރާ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.
"މަތީ އަރުތަވެރިންގެ އިނާމު" ހޯދި ދަރިވަރުންނާއެކު ޖަލްސާގައި ބައިވެރިވުމަށް ރަށްރަށުން މާލެ ވަޑައިގެންނެވި ސްކޫލުތަކުގެ އިސްވެރިންނާ ނައިބު ރައީސް ވަނީ ރޭ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންގެ ނަތީޖާ ވެސް އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ސްކޫލްތަކުން ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
މި އަހަރަކީ މިހާތަނަށް އޯލެވެލް އިމްތިހާނުގައި އެންމެ ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނުނު އަހަރެވެ. މި އަހަރު އިމްތިހާނުގައި ބައިވެރިވި ކުދިންގެ 13 އިންސައްތް ކުދިން ވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.
އެއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ޖުމްލަ 6،300 ދަރިވަރުންގެ ތެރެއިން 847 ދަރިވަރުންނެވެ. އެ ދަރިވަރުންގެ ތެރެއިން 16 ދަރިވަރަކު ވަނީ ދުނިޔޭގެ އެންމެ މޮޅު ނަތީޖާ ހޯދާފައެވެ. އަދި ނުވަ ދަރިވަރުން ވަނީ އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ.
އަތޮޅުތަކުގެ ސްކޫލުތަކުގެ ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ގިނަ މަޝްރޫޢުތަކެއް ހިންގައި ސްކޫލްތަކުގެ ކިޔެވުން ހަރުދަނާކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.