މިއުޒިކްގެ އެންމެ ނުފޫޒުގަދަ ދެމަފިރިން ކަމަށްވާ ބިިޔޯންސޭ އާއި ޖޭޒީ ކެލިފޯނިއާގައި ހުރި އެންމެ އަގުބޮޑު ގެ، އެކީގައި ގަނެފިއެވެ.

ކެލިފޯނިއާގެ އެންމެ ބޭރު ފަށު ކަނޑާ ދިމާލުގައި އޮންނަ މެލިބޫގައި ހުރި މި ގެ، ދެމަފިރިން ގަނެފައިވަނީ 200 މިލިއަން ޑޮލަރަށެވެ.

މިހާތަނަށް ކެލިފޯނިގައި 200 މިލިއަން ޑޮލަރު ދީފައި ގެއެއް ގަނެފައި މިވަނީ ފުރަތަމަ ފަހަރަށެެވެ. ދެމަފިރިންނާއި ދެމަފިރިންގެ ދަރިންނާ އެކު އުޅުމަށް ގަނެފައިވާ މި ޕްރޮޕަޓީގައި 30،000 ސްކުއެއާ ފޫޓް ހުންނާނެއެވެ.

މީގެ ކުރިން ކެލިފޯނިއާގައި އެންމެ އަގުބޮޑުކޮށް ގެއެއް ވިއްކާލާފައިވަނީ 177 މިލިއަން ޑޮލަރަށެވެ.

https://twitter.com/shaq_omari/status/1659636221709111296

ކެލިފޯނިއާއިން ޖޭޒީ އާއި ބިޔޯންސޭ އަގުބޮޑުކޮށް ގެއެއް ގަތް އިރު އެ އަގާ އެކު މިހާރު އެ ގެ ވެފައިވަނީ މުޅި އެމެރިކާއިން ވެސް ދެވަނައަަށް އެންމެ އަގުބޮޑުކޮށް ވިއްކާލި ގެއަށެވެ. އެއްވަނައަށް އެންމެ އަގުބޮޑުކޮށް ގެއެއް ވިކިފައިވަނީ ނިއު ޔޯކް އިންނެވެ. ނިއު ޔޯކްގައި ހުރި ގެ ވިއްކާލާފައިވަނީ 238 މިލިއަން ޑޮލަރަށެވެ.

ދެމަފިރިން ގެ ގަތުމުގެ ކުރިން އެ ގެ އިއުލާނުކޮށްފައިވަނީ 295 މިލިއަން ޑޮލަރަށެވެ. ނަމަވެސް ރަނގަޅު ޑީލެއް ލިބި ދެމަފިރިންނަށް އެ ގެ 200 މިލިއަނަށް ގަނެވޭ ގޮތް ވިއެވެ.

މިލިއަނަރުންގެ ހުރިހާ ގެތަކެއް ހެން މި ގޭގައި ވެސް އަމިއްލަ ސްވިމިން ޕޫލް އާއި ޖިިމްގެ އިތުރުން ބާސްކެޓް ކޯޓު އަދި އަމިއްލަ ތިއޭޓަރާއި މިއުޒިކް ސްޓޫޑިއޯ އަދި އެތައް ކޮޓަރިއެއް ހުންނާނެއެވެ. މި ގެ ފަރުމާކޮށް ނިންމާލުމަށް ގާތްގަނޑަކަށް 15 އަހަރު ހޭދަވިއެވެ.

އަލަށް ލިބުނު ގެއާ އެކު ދެމަފިރިންގެ އާއިލާ ބަދަލުވާނީ ހުސް ބިލިއަނަރުން ދިރިއުޅޭ ސަރަހައްދަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ދެ މީހުންގެ މިލްކިއްޔާތު އެއްކޮށްލުމުން ތިން ބިލިއަން ޑޮލަރާ ގާތް ވާނެއެވެ.