20 May 2023, 22:04
ޖަލުތަކުގެ ގައިދީންނަށް އަމާޒުކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޖަލުތަކުގައި ކުރިއަށް ގެންދާ ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމު ކާމިޔާބު ކަމާއެކު ކުރިއަށް ދާ ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.
މިދިޔަ އަހަރު ފެށި މި ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ޖަލުތަކުގައި ރަނގަޅު ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، ބަދަލެއް ގެނައުމުގެ މަގްސަދުގައި ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 32 މީހުން ވަނީ އެނބުރި މުޖުތަމައުއަށް ދޫކޮށްލާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ފުރަތަމަ ބެޗުގައި ދޫކޮށްލީ 32 މީހުންގެ ތެރެއިން މިހާތަނަށް އެއްވެސް މައްސަލައެއް ނުޖެހި 22 މީހުން އެ ޕްރޮގްރާމް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.
ބާކީ ތިބި 10 ބައިވެރިންގެ ފަރާތުން އެކި މައްސަލަތައް ފެނިފައިވާއިރު، އޭގެތެރެއިން ފަސް މީހަކު އަނބުރާ ޖަލަށް ގެންނަން ޖެހިފާ ކަމަށް ސީޕީ ވިދާޅުވިއެވެ. ނަމަވެސް މި ޕްރޮގްރާމް ފެށުމާއެކު ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށާއި، މިފަދަ ޕްރޮގްރާމްތައް އިތުރުކުރަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ.
ނަމަވެސް ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު މުޖުތަމައަށް ނުކުންނަ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ކަރެކްޝަންސްއިން ކުރަންޖެހޭ ކަންކަމަށް އިތުރަށް އަހުލުވެރިވާން ޖެހޭ ކަން ފާހަގަކުރެއްވިއެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ މަހަކު 64 މީހަކު އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. ގައިދީންގެ ތެރެއިން ކޮންމެ މަހަކުވެސް 40 މީހަކު ދޫކޮށްލާފައިވެއެވެ.