ޖާހު ޕްރައިވެޓް ލިމިޓެޑްއިން ހުޅުމާލެ ފޭސް އެކެއްގައި ތަރައްޤީ ކުރަމުންދާ "ދަ ގާޑަން ރެޒިޑެންސް"ގެ މަސައްކަތް ނުނިމި ލަސްވުމާ ގުޅިގެން، އެ އިމާރާތުން ހައުސިން ޔުނިޓްތައް ގަނެފައިވާ ފަރާތްތަކުން މިއަދު އިހުތިޖާޖުކޮށްފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި އެ ފްލެޓުތައް ހުންނަ ސަރަޙައްދުގައި، އެތަނުން ފްލެޓު ގަނެފައިވާ ކަމަށް ބުނާ ބަޔަކު ވަނީ ޕޯސްޓަރުތަކާ އަޑުގަދަކުރާ ހިފައިގެން ނިކުމެ ވަނީ އިހުތިޖާޖްކޮށްފައެވެ.

ޖާހް ކުންފުނިން ދަ ގާޑަންސް ފްލެޓްތައް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް އޭރު ބުނި ތާރީޙަށް މަސައްކަތް ނުނިމި ވަނިކޮށް 2020 ވަނަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުމަކާ ގުޅިގެން މަސައްކަތްތައް ވަނީ އިތުރަށް ލަސްވެފައެވެ. އެގޮތުން މުދާ އެތެރެކުރުމާއި، މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ކުރިމަތިލާން ޖެހުނު ދަތިތަކަކީ މި މަޝްރޫއުތައް ނުނިމި ދިގުލައިގެންދިޔަ މައިގަނޑު ސަބަބުތައް ކަމަށް ޖާހް ކުންފުނިން މީގެ ކުރިން ބުނެފައިވެއެވެ.

އޭރު ޖާހް އިންވެސްޓްމަންޓުން ބުނީ ހުޅުމާލެ ބަގީޗާ ހިނގުމުގައި ތަރައްޤީ ކުރަމުންދާ "ދަ ގާޑަންސް ރެސިޑެންސް" ގެ ފްލެޓްތައް މިއަހަރުގެ ފެބުރުއަރީ މަހު އެއްކޮށް ނިންމާ މީހުންނަށް ހަވާލުކުރެވޭވަރު ވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހަ މަހަށްވުރެ ގިނަ ދުވަސްވެގެން ދިޔަ އިރުވެސް އެ މަސައްކަތް ނިމިފައި ނުވުމަކީ އެ އިމާރާތުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމެކެވެ.

އެޗްޑީއެފްސީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައި ވާގޮތުން ޖާހުން އަޅާ ފްލެޓްގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވީނަމަވެސް ފްލެޓްގެ މަސައްކަތް މުޅިން ނިމޭނެ ތާރީހެއް ބަޔާންކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް 'ސަން' އިން ޖާހް އިންވެސްޓްމަންޓަށް ގުޅާލުމުން އަދި ވަނީ ގުޅޭ ގޮތް ނުވެފައެވެ. މިދިޔަ އަހަރު އެ ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެގެން ވެސް ވަނީ އިހުތިޖާޖުކޮށްފައެވެ.