26 Apr 2012, 16:19
ބަޔަކު މީހުން ވީބީ އައްޑޫ އެފްސީގެ އަގުވައްޓާލަން ވެގެން ވާހަކަ ތަކެއް ދެއްކި ކަމުގައި ވިޔަސް ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފި އެވެ.
އަންނަ އާދިއްތަ ދުވަހުގެ ހަވީރު ދިރާގު ދިވެހި ލީގުގައި ވިޔެންސާއާ ދެކޮޅަށް ވީބީން ނިކުތުމުގެ ކުރިން، މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަތޯ ބުނީ، އޭއެފްސީ ކަޕުން ވީބީ ކެޓި ކަމުގައި ވިޔަސް، ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި އެއީ ބަޔަކު މީހުން ހަދައިގެން ދައްކަމުން އަންނަ ވާހަކަ އެއް ކަމަށެވެ. އަދި ޓީމު ދޫކޮށް އެއްވެސް ކުޅުންތެރިއަކު ދާން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ސަތޯ ބުންޏެވެ.
"ކޯޗް ޖޭން ވަންލީވެސް ޓީމުން ވަކިކުރާކަށް ނޫޅެން. އެއްވެސް ކުޅުންތެރިއަކު ރިލީޒް ހޯދުމަށް އެދިފައެއް ނެތް. އެއީ ބަޔަކު މީހުން ހަދައިގެން ދައްކާވަހަކައެއް." ސަތޯ ބުންޏެވެ.
ސަތޯ ބުނީ، ދިވެހި ލީގުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓު އަތުން 4-0 ލަނޑުން ބަލިވި ކަމުގައި ވިޔަސް، ލީގުގެ ދެ ވަނަ މެޗުގައި ވިޔަންސާއާ ދެކޮޅަށް ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. އަދި އެމެޗަށް ނިކުންނައިރު އިސްމާއިލް މުހައްމަދު (އިއްސޭ) އަށް އަނިޔާވެ، އޭނާއަށް އެ ދުވަހުގެ މެޗް ނުކުޅެވުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭ އޭނާއަށް ކުޅެވޭނެ ކަމަށް ވެސް ސަތޯ ބުންޏެވެ.
މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ވީބީއާ ދެކޮޅަށް ވިޔަންސާ އާދިއްތަ ދުވަހުގެ މެޗަށް ނިކުންނައިރު، ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ވިޔަންސާއަކީ ވީބީ ކާރީގައި ކުޅެވޭ ވަރުގެ ޓީމެއް ކަމަށާއި ފުރަތަމަ 11 ގައި ނިކުންނާނީ އިދިކޮޅު ވީބީގެ ކުޅުންތެރިންނާއެކު ކުޅެވޭ ވަރުގެ މޮޅެތި ކުޅުންތެރިން ކަމަށެވެ. އަދި ވިޔަންސާގެ އަޒުމަކީ މެޗުން މޮޅުވުން ކަމަށް ވެސް ފެސްކޯ ބުންޏެވެ.
"ވީބީއާ ދެކޮޅަށް ނިކުންނާނީ މޮޅުވުމުގެ އަޒުމުގަ. އެ ހިތްވަރާއެކު. ޓީމުގައި ކޮންމެ ކުޅުންތެރިއަކީ ވެސް މޮޅު ކުޅުންތެރިން" ފެސްކޯ ބުންޏެވެ.