މެންޗެސްޓާ ސިޓީއަށް މިހާރު ކުޅެމުންދާ ނޯވޭ ފޯވަޑް އާލިން ހާލަންޑް، 2019 ވަނަ އަހަރު ޗެލްސީއާ ގުޅުމާ ވަރަށް ގާތަށް ދިޔަ ކަމަށް އޭރު ކޯޗުކަމުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

މިހާރު ވަގުތީގޮތުން ކޯޗުކަމުގެ މަގާމުގައި ހުރި ލަމްޕާޑްގެ އިރުޝާދުގެ ދަށުން ޗެލްސީން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މާދަމާ ނުކުންނާނެއެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ، ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާ އިރު، މިސީޒަނުގައި އެ ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔަކީ ހާލަންޑެވެ. ހާލަންޑް ޖެހި 36 ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ޕްރިމިއާ ލީގު ތާރީހުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމާ ލަމްޕާޑް ފުރަތަމަ ހަވާލުވި އިރު، އެ ކްލަބުން ވަނީ ހާލަންޑް ހޯދުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް ކުޅެމުން ދަނިކޮށް، ހާލަންޑަށް ވަނީ ޗެލްސީގެ އިތުރުން ބޮޑެތި ގިނަ ކްލަބުތަކެއްގެ ހުށަހެޅުން ލިބިފައެވެ. ނަމަވެސް އޭރު އޭނާ ގުޅިފައި ވަނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާއެވެ.

"ހާލަންޑަކީ އަހަރެން ޗެލްސީއަށް ގެނައުމަށް މަސައްކަތްތަކެއް ކުރި ކުޅުންތެރިއެއް. އޭރު ވެސް އޭނާގެ ފެންވަރު އެނގުނު. ހާލަންޑަކީ އިތުރަށް ކަންކަން ހާސިލުކުރުމަށް ގަދަ އަޅާ މަސައްކަތްކުރާ ކުޅުންތެރިއެއް. އޭރު ވެސް ހާލަންޑް ހޯދުމަށް އޮތީ ވަރަށް ވާދަވެރިކަން ބޮޑުވެފައި. އަހަރެން އޭނާ ހޯދުމަށް ވަރަށް ބާރު އެޅިން. އަދި އޭނާ ޗެލްސީއާ ގުޅުމާ ގާތަށް ވެސް ދިޔަ،" ޗެލްސީގެ ކޯޗު ލަމްޕާޑް ބުންޏެވެ.

މި ސީޒަނުގައި ހާލަންޑާއެކު ސިޓީން މަސައްކަތްކުރަމުންދަނީ ތިން ތަށި ހޯދުމަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ހޯދުމުގެ ފުރުސަތު ވެސް ސިޓީއަށް އެބައޮތެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަންނަ މަހުގެ ދިހަވަނަ ދުވަހު ސިޓީން ނުކުންނަން ޖެހޭނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

ޕްރިމިއާ ލީގުގެ ފަހުގެ ތާރީހުގައި މިސީޒަނަކީ ޗެލްސީގެ އެންމެ ދަށް އެއް ސީޒަނެވެ. ޗެލްސީގެ ދަށް ނަތީޖާތަކާ ގުޅިގެން ކޯޗަކަށް ހުރި ގްރަހަމް ޕޮޓާ މަގާމުން ދުރުކޮށް، ވަގުތީގޮތުން ކޯޗަކަށް އެ ކްލަބުގެ ލެޖެންޑް ލަމްޕާޑް ހަމަޖެއްސިއެވެ. ނަމަވެސް ލަމްޕާޑަށް ވެސް ވަނީ ޗެލްސީއަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދިނުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގައި ޗެލްސީ އޮތީ ކުޅުނު 35 މެޗުން ލިބުނު 43 ޕޮއިންޓާއެކު 11 ވަނައިގައެވެ. އެހެންކަމުން އާންމުކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުން ފެންނަ ޗެލްސީ، އަންނަ ސީޒަންގެ މުބާރާތުން ނުފެންނާނެއެވެ.