ހައުސިން މިނިސްޓްރީއިން ހިންގާފައިވާ މަޝްރޫއެއްގައި އޮޅުވާލައިގެން ބިލްތަކަކަށް 24 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް ނިންމަވައިފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އޮޅުވާލައިގެން ދެ ވަނަ ފަހަރަށް ބިލްތަކަކަށް 24 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލަ ފާހަގަވީ އެންމެ ފަހުން ހައުސިން މިނިސްޓްރީ އޮޑިޓް ކުރުމުގެ ތެރޭގައި ކަމަށެވެ.

"އެ މައްސައަކީ 2005 ވަނަ އަހަރު ފައިސާ ނަގާފައިވާ ބިލްތަކެއް އޮޅުވާލައިގެން 2009 އަކާއި އަނެއްކާ 2010 ގައިވެސް 24 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލަ. އެ މައްސަލަ އިރާދަކުރެއްވިއްޔާ މިއަދު ޕޮލިހަށް ފޮނުވާނަން،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކެއް ކަޑައެޅިގެން ބުނަން އެނގޭނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ. އަދި އެ ފައިސާ ނަގާފައި ވަނީ ޕްރައިވެޓް ކުންފުންޏަކުން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތަފުސީލެއް ނުދެއްވަ އެވެ.

މިދިޔަ ހަފްތާގައި ވެސް އޮޑިޓާ ޖެނެރަލް ވަނީ ފުލުހުންނަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެއީ ސިއްހީ ސާމާނު އެތެރެކުރުމަށް އެފްޓެކާ އެކު ކޮށްފައިވާ 12.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްގައިވާ ގޮތަށް އެތަކެތި ސަޕްލައިނުކޮށްދީ 11.8 މިލިއަން ރުފިޔާ ނަގާފައިވާ ހިޔާނާތުގެ މައްސަލަ އެކެވެ.