20 May 2023, 15:40
ބެއިޖިން (20 މެއި 2023): މިދިޔަ ހަފުތާ ތެރޭގައި އިންޑިއާ ކަނޑަށް ފެތުނު ޗައިނާގެ މަސް ބޯޓުގައި ތިބި ފަޅުވެރިން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ "ލޫ ޕެންގް ޔުއާން ޔޫ 28" ނަމަކަށް ކިޔާ އެ ބޯޓު މިދިޔަ އަންގާރަ ދުވަހު ފެތުނު އިރު އޭގައި 39 ފަޅުވެރިން ތިބިކަމަށާއި މިހާރުކުރިޔަށްދަނީ އެ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކަމަށެވެ. މި ބޯޓަކީ ޗައިނާގެ ސަރުކާރުގެ މަސް ކުންފުންޏެއްކަމަށްވާ ޕެންގްލައި ޖިންގްލޫ ފިޝަރީޒް ކޮމްޕެނީސްއަށް ނިސްބަތްވާ ބޯޓެކެވެ.
މީހުން ހޯދުމުގެ އޮޕަރޭޝާންއާއެކު އެ ބޯޓު ފެތެން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގުތައްވެސް ފަށާފައިވާކަން ވޮންގް ވެންބިން ހާމަކުރެއްވިއެވެ. ޗައިނާގެ ބޯޓުގައި ތިބި 39 ފަޅުވެރިންގެ ތެރޭގައި ޗައިނާގެ 17 މަސްވެރިންގެ އިތުރުން އިންޑޮނީޝިޔާގެ 17 މަސްވެރިއަކާއި ފިލިޕީންސްގެ ފަސް މަސްވެރިންވެސް ހިމެނެއެވެ.

ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދެއް
ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ޗައިނާގެ ކޯސްޓްގާޑުގެ އިތުރުން އިންޑޮނީޝިއާއާއި ފިލިޕީންސްގެ ކޯސްޓް ގާޑުވެސް ބައިވެރިވެއެވެ. ޗައިނާގެ ބޯޓު ފެތިފައިވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުނުން ފުރައިގެން ދެކުނު ކޮރެޔާގެ ބަނދަރެއްކަމަށްވާ ބުސާންއަށް ދަތުރުކުރަމުން ދަނިކޮށެވެ.
ކޭޕް ޓައުނުން އެ ބޯޓު ފުރިކަމަށް ވަނީ މި މޭ މަހުގެ 5 ވަނަ ދުވަހުއެވެ. އެބޯޓު އެންމެ ފަހުން ފެނުނުކަމަށްވަނީ އިންޑިޔާ ކަނޑުގައި އޮންނަ ފަރަންސޭސިވިލާތުގެ ޖަޒީރާތަކެއްކަމަށްވާ ރިޔޫނިއަންގެ އިރުދެކުނުންނެވެ.
ބޯޓު ފެތުމުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގައި އޮސްޓްރޭލިޔާގެ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ބައިވެރިވާ ކަނޑާއި ވައިގެ އުޅަނދުތައްވެސް ބައިވެރިވެއެވެ. އޭގެތެރޭގައި އޮސްޓްރޭލިއާގެ މަތިންދާބޯޓުތަކާއި ކަނޑުގެ އުޅަނދުތައްވެސް ހިމެނެއެވެ.

ޗައިނާގެ މަސްވެރިން : ދާއަޅައިގެން މަސްވެރިކަން ކުރަނީ
ޗައިނާގެ ބޯޓު ފެތުމުގެ މި ހާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުންވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެގައުމުގެ ބޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށާއި އެކަން ބަލައި މޮނިޓާ ކުރުމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކޮށްފައެވެ.
އިންޑިއާ ކަނޑާއި ދެކުނު ޗައިނާ ކަނޑާއި އުތުރު ޗައިނާ ކަނޑާއި ޕެސިފިކް ކަނޑުގައި ޗައިނާގެ 17 ހާހަށްވުރެ ގިނަ މަސްބޯޓުތައް މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ދެއެވެ.