ނައިބު ރައީސް މުހައްމަދު ވަހިއްދީން (ޑީން) ދިރިއުޅުއްވުމަށް ދައުލަތުން ގެއެއް ބޭނުންފުޅުވެ ވަޑައި ނުގަންނަވާކަމަށާއި އެމަނިކުފާނު ދިރިއުޅުއްވާނީ އަމިއްލަފުޅު ރިސޯޓް ބަނޑޮހުގައި އެމަނިކުފާނާ އާއިލާއަށް ހާއްސަވެފައިވާ ގެކޮޅުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ނައިބުރައީސް، ޑީން އާއްމުކޮށް ދިރިއުޅުއްވާ އެމަނިކުފާނުގެ ރިޒޯޓްގައި ދިރިއުޅުއްވުން ކުރިޔަށް ގެންދަވާ ގޮތަށް ނިންމެވުމުން ބަނޑޮހުގައި އެމަނިކުފާހު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބެލެއްޓުމުގެ މަސައްކަތް އެމްއެންޑީއެފުން ބަނޑޮހުގައި ފަށާފައިވާ ކަމަށެވެ.

"ދައުލަތުގެ ހަރަދު ކުޑަކުރެއްވުމުގެ ގޮތުން ނައިބު ރައީސް ބޭނުން ފުޅެއްނުވޭ އުޅުއްވާނެ ގެކޮޅެއް [ދައުލަތަކުން] އެމަނިކުފާނު ދިރި އުޅުއްވާނީ ބަނޑޮހުގައި ހުންނަވާ އެމަނިކުފާނުގެ ގެކޮޅުގައި،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ޑީން ބަނޑޮހުން ކޮންމެ ދުވަހަކު މާލެއަށް އޮފީހަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ލޯންޗް ކޮޅުގައި ކަމަށާއި މާލެ ވަޑައިގެންނެވުމުން އެމަނިކުފާނު ބޭނުންކުރައްވާނީ ނައިބު ރައީސަށް ހާއްސަ ވެފައިވާ ދައުލަތުގެ ކާރުކޮޅު ކަމަށެވެ.

ވޭތުވެދިޔަ ދިގު ޒަމާންތަކުގައި ޑީން އާދަވެ ދިރިއުޅުއްވާފައި ވަނީ ބަނޑޮސް ރިސޯޓްގައި އެމަނިކުފާނާއި އާއިލާގެ ބޭފުޅުނަށް ހާއްސަކޮށްފައިވާ ހިތްގައިމު ގެކޮޅު، ޑިބާގޭގަ އެވެ. ޑިބާގެއަކީ އެކިފަހަރު މަތިން ޑީންގެ އަމިއްލަފުޅު ފަރުމާއަށް ބަދަލު ކުރައްވާ އާކުރައްވާފައިވާ ވަރަށް ފުރިހަމަ ގެއެކެވެ.

އަސް ގެންގުޅުއްވުމަށާއި އަހަށް ލޯބި ކުރައްވާ ޑީންގެ ޑިބާގެ ފަރުމާކޮށްފައި ވަނީ އަހުގެ އެކި ކަހަލަ ނިޝާންތައް ބަހައްޓައިގެނެވެ. ޑީން އޮޅު ކުރައްވައިގެން ގެންގުޅުއްވި ދެ އަސް ވެސް ގެންގުޅުއްވީ ޑިބާގޭގެ އެވެ.

ޑީން އާންމުކޮށް ރިސޯޓުން މާލެއަށް ދަތުރުފުޅު ކުރައްވަނީ ބަނޑޮހުގެ ލޯންޗް ޝެކްޝަނުގެ "އޯކިޑް" ލޯންޗު ފަހަރުގަ އެވެ. ނައިބު ރައީސަކަށް ވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނު މާލެ ވަޑައިގަތުމަށް ފަހު އަބަދުވެސް ބޭނުންފުޅު ކުރައްވަނީ ޓެކްސީއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސްގެ ރަސްމީގެކޮޅުގެ ގޮތުގައި ބޭނުންކުރެއްވި މުލީއާގޭގައި މިހާރު ހިންގަމުން ދަނީ އިންކުއަރީ ކޮމިޝަނެވެ. މިހާރުގެ ރައީސް މުހައްމަދު ވަހީދު ހަސަންމަނިކު ދިރިއުޅުއްވަމުން ގެންދަވަނީ އެމަނިކުފާނު ނައިބު ރައީސްކަމުގެ ދުވަސްވަރުވެސް ހުންނެވި ހިލާލީގޭގައެވެ. ރައީސް އޮފީހުން ބުނެފައިވަނީ ރައީސް ހިލާލީގޭ ފިޔަވާ އެހެން ގެއަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.