ފްރާންސްގައި ކުރިއަށްދާ މިއަހަރުގެ ކާންސް ފެސްޓިވަލުން ބަތަލާ އައިޝްވާރިޔާ ރާއިގެ ފެނިލުމާއެކު ނޫސްވެރިން ބަތަލާއަށް ކުރިމަތިކުރުވީ ޖަވާބުދޭން ދަތި ސުވާލެކެވެ. ދާދިފަހުން ޑައިރެކްޓަރު މަނީ ރަތުނަމްގެ ތަމަޅަ ފިލްމު "ޕޮނިޔިން ސެލްވަން 2"އިން ފެނުނު އައިޝްވާރިޔާއަށް އެފަދަ ރޯލްތައް ހިންދީ ސިނަމާއިން ނުލިބެނީ ކީއްވެތޯ ނޫސްވެރިންވަނީ ސުވާލުކޮށްފައެވެ. މިސުވާލާއެކު އައިޝްވާރިޔާ ބުނެފައިވަނީ މިއީ ވަރަށް ގިނަ ބައެއްގެ ހިތުގައި އޮންނަ ނަމަވެސް އަހަން ބޭނުންނުވާ ސުވާލެއްކަމަށެވެ. އަދި މިފަދަ ސުވާލުތައް އާއްމުކޮށް ކުރިމަތިވަނީވެސް ފިލްމު އިންޑަސްޓްރީގައި އެންމެ ކުރީގައި މަސައްކަތްކުރާ ބަތަލާއިންނަށްކަމަށެވެ.

ނޫސްވެރިންގެ މިސުވާލަށް ސީދާ ޖަވާބު ނުދީ އައިޝްވާރިޔާ ބުނެފައިވަނީ ފިލްމީ ތަރިންނަކީ ވަރަށް ކްރިއޭޓިވް ބައެއްކަމަށާއި ރީތި ފުރިހަމަ ފިލްމެއްގެ މަސައްކަތް އޯޑިއަންސްއާ ހަމައަށް ފޯރާ ހިސާބުން މިފަދަ ސުވާލުތައް އާއްމުކޮށް ބަތަލާއިންނަށް ކުރިމަތިވާކަމަށެވެ.

މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން"ގެ ދެ ބައި މިހާރު ރިލީޒްވެފައިވާއިރު މިފިލްމުގައި އައިޝްވާރިޔާ ކުޅެފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފުވަނީ ލިބިފައެވެ. އިންޑިއާގެ ސައުތު ސިނަމާގައި ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އައިޝްވާރިޔާ ކުޅޭ ފިލްމުތަކުގެ އަދަދު ގިނަކުރުމަށް ސަޕޯޓަރުންވަނީ އެދިފައެވެ. އަދި ޓްވިޓާގައި އޭނާގެ ފިރިމީހާ އަދި އެކްޓަރު އަބީޝޭކް ބައްޗަންއަށް ރައްދުކޮށް ސަޕޯޓަރަކުކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ފިލްމު ކުޅުމަށް އަންހެނުންނަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ.

އެކްޓަރު އަބީޝެކްއާ ކައިވެނިކުރުމަށްފަހު އައިޝްވާރިޔާ ކުޅޭ ފިލްމުތަކުގެ މިންވަރު މަދުކޮށްފައިވަނީ ދަރިފުޅު އަރާދްޔާ ލިބުމާ ގުޅިގެންނެވެ. ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުގައި ހުރި ނަމަވެސް އައިޝްވާރިޔާ ދިޔައީ ތަފާތު އެކި ބްރޭންޑްތަކަށް މަސައްކަތްކޮށްދެމުންނެވެ. ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ އެމްބެސެޑަރެއްގެ ގޮތުގައިވެސް މަސައްކަތްކުރާ އައިޝްވާރިޔާއަކީ، މިހާރު ކުރިޔަށްދާ ކާންސް ފެސްޓިވަލުގައިވެސް އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއް މޫނެވެ.