26 Apr 2012, 16:04
ރާއްޖޭގެ ތަރައްގީގެ ބައިވެރިން، ވިޔަފާރި އާއި އިގްތިސާދީ ކަންކަން ނިންމުމުގައި ރާއްޖޭގެ އިގްތިސާދުގެ ނާޒުކަމާ ދޭތެރޭ ފުންކޮށް ވިސްނުމަށް، ރާއްޖެ އިން ގޮވާލައިފި އެވެ.
މި މަހު 21- 26ގެ ނިޔަލަށް ދޯހާގައި އޮތް "ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލަޕްމަންޓް" (އަންކްޓަޑް) ކޮންފަރެންސުގައި ރާއްޖެ އިން ބައިވެރިވެވަޑައިގަތް ރާއްޖޭގެ އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު އެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އުފުލިފައިވާ ގައުމަކަށް ވިއަސް، ރާއްޖެއަކީ ވަރަށް ހަނި، ގުދުރަތީ ވަސީލަތްތަކަށް އިގްތިސާދު ބިނާވެފައިވާ، "ދުނިޔޭގެ އިގްތިސާދާ ވަރަށް ބޮޑަށް ލާމެހިފައިވާ" ކުޑަ ގައުމެއް ކަމަށެވެ.
"އެހެންކަމުން ދުނިޔޭގެ އިގްތިސާދަށް މި އަންނަ ކޮންމެ ނެގެޓިވް ޝޮކެއްގެ ސަބަބުން ދިވެހި ރާއްޖޭގެ އިގްތިސާދަށް ވަރަށް ނޭދެވޭ އަސަރުތައް ކުރަމުން އަންނަ ކަމަށް ފާހަގަ ކުރެއްވި،" މިނިސްޓަރު ދެއްކެވި ވާހަކަފުޅާ ހަވާލާދީ އިކޮނަމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.
އަންކްޓަޑްއަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން ދުނިޔޭގެ އިގުތިސާދީ ތަރައްގީ އިތުރުކޮށް، އެ ގައުމުތަކުގައި އިގުތިސާދު ފުޅާކޮށް ހަރުދަނާކުރެވެން ހުރި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1964 ވަނަ އަހަރު ގާއިމުކޮށްފައިވާ ޖަމާއަތެކެވެ.