ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފްރެންޗައިސް "ސިންގްހަމް"ގެ ތިންވަނަ ފިލްމު "ސިންގްހަމް އަގެއިން"އިން އެކްޓަރު ވިކީ ކޯޝަލް ފެންނާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޚަބަރު ލިބޭގޮތުގައި ވިކީ ފިލްމުގައި ތައާރަފުކުރަން ނިންމާފައިވަނީ ސިފައިންގެ މީހެއްގެ ރޯލްއިންނެވެ. ރޯހިތުގެ އަމިއްލަ ފިލްމު ކުންފުނި ކޮޕް ޔުނިވާސްއަށް ވިކީ ގެނައުމުގެ މަޝްވަރާތައް ދެ ފަރާތުގެ މެދުގައި ކުރެވެމުން އަންނަތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ރޯހިތު މިހާތަނަށް ގެނެސްދީފައިވާ ފިލްމުތަކުގައި ފުލުހެއްގެ ރޯލްއިން ފެނިފައިވާ އެކްޓަރުންގެ ތެރޭގައި އަޖޭ ދޭވްގަން، އަކްޝޭ ކުމާރު އަދި ރަންވީރު ސިންގް ހިމެނެއެވެ.

ކޮޕް ޔުނިވާސްއަށް ވިކީ ގެންނަން ނިންމާފައިވާއިރު ވިކީއަށް ދޭން ނިންމާފައިވަނީ ފިލްމު "ސިމްބާ"ގައި ރަންވީރު ފެނުނުކަހަލަ ރޯލަކަށްވުރެ ތަފާތު ރޯލެއްކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. ފިލްމު "ސިންގްހަމް އަގެއިން"އިން ވިކީ ފެންނާނެކަމަށް ވާހަކަ ދެކެވޭއިރު ރޯހިތުއާއެކު ވިކީ ފިލްމެއް ކުޅެން ވިސްނަމުން އަންނަތާ ތިން އަހަރުވެއްޖެއެވެ. ރޯހިތުގެ ދިގު އިންތިޒާރަށް ނިމުން ގެނެސް އެކްޓަރު އަޖޭ ދޭވްގަންއާއެކު ވިކީ ފެންނާނެކަމުގެ ޚަބަރަކީ ދެ ތަރިންގެ ސަޕޯޓަރުންނަށްވެސް އުފާވެރި ޚަބަރަކަށްވާނެއެވެ. މިފިލްމުގައި އަޖޭއާއެކު ބަތަލާގެ ރޯލްއިން ދިޕިކާ ޕަދުކޯން ފެންނައިރު ވިކީއާއެކު ފެންނާނީ ކޮން ބަތަލާއެއްކަމެއް އަދި ނޭނގެއެވެ.

މިދިޔަ އަހަރު ރިލީޒްވި ފިލްމު "ގޯވިންދާ ނާމް މެރާ"ގެ ކާމިޔާބީއަށްފަހު ވިކީ އަންނަނީ ގިނަ ފިލްމީ ޕްރޮޖެކްޓްތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ޝާހްރުކް ޚާންއާއެކު ކުޅޭ ފިލްމު "ދުންކީ"، "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަދި މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޝާމް ބަހާދުރު" ހިމެނެއެވެ. ބަތަލާ ކެޓްރިނާ ކައިފްގެ ހަޔާތުގެ ބައިވެރިޔާ ވިކީއަކީ، ބޮލީވުޑްގައި އެންމެ ނަން ހިނގާ ކާމިޔާބު އެއް އެކްޓަރެވެ.