26 Apr 2012, 15:41
ހޮސްޕިޓަލްގައި އެޑްމިޓްނުކޮށް އާސަންދައިން ފަރުވާ ހޯދުމަށް ކަޑައަޅާފައިވާ ފައިސާގެ އަދަދު މިއަދުގެ މިހާތަނާ ހަމައަށް 200 އަށް ވުރެ ގިނަ މީހުންގެ ހަމަވެފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އާސަންދަ ކުންފުނީގެ މެނާޖާ އަހުމަދު ޝާބިގް ސަން އޮންލައިން އަށް މިއަދު ވިދާޅުވީ އައުޑް ޕޭޝަންޓް ސާވިސް ނޫނީ އެޑްމިޓްނުކޮށް ފަރުވާދެވޭ ބަލިތަކަށް ސްކީމްގައި ކަޑައަޅާފައިވާ، 10،000ރ. ހަމަވެފައިވާ 257 ފަރާތެއް އުޅޭ ކަމަށެވެ. ޝާބިގް ވިދާޅުވީ އެ ފަރާތްތަކުން މިއަދުން ފެށިގެން ޑޮކްޓަރަށް ދައްކަން ޖެހޭނީ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށެވެ.
"އެބޭފުޅުންނަކަށް ދެން ސްކީމްގެ ތެރޭން ޑޮކްޓަރަށް ދެއްކުން ދެންވެސް އެޑްމިޓްނުކޮށް ހޯދަން ޖެހޭ ފަރުވާއެއް ނުހޯދޭނެ، ދެން ޖެހޭނީ ފައިސާ ދައްކައިގެން އެކަން ކުރަން. އެކަމަކު ދެން ހުރި ފަރުވާތައް ހަމަ އެ އޮންނަ ލިމިޓް ހަމަވަންދެން ހޯދޭނެ،" ޝާބިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ލިމިޓް ވަރަށް އަވަހަށް ހަމަވާ އެހެން ފަރާތްތައް ވެސް އެބަހުރި ކަމަށާއި ނަމަވެސް ވަކި އަދަދެއް ވިދާޅުވުމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެސްއެމްއެސް މެދުވެރިކޮށް ލިމިޓް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ކޯލް ސެންޓަރުގައި ރަޖިސްޓްރީކޮށް، ފްރީ ނަމްބަރު، 1400 އަށް އެސްއެއެމްއެސް ކުރުމުން ބާކީ ބެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރުގެ ޖެނުއަރީ އެކެއްގައި ފެށި، އާސަންދަ ސްކީމުން ހިދުމަތް ހޯދުމަށް އަހަރެއްގެ މައްޗަށް ކަޑައަޅާފައި ވަނީ 100،000ރ. އެވެ. އާސަންދަ ކުންފުނީގެ ހަރަދުބޮޑުވެ އެކަމަށް ބަޖެޓް ކޮށްފައިވާ 720 މިލިއަން ރުފިޔާ މިއަހަރަށް މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ކުންފުނިން ބުނަނީ ދުވާލެއްގެ މައްޗަށް ސްކީމުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށެވެ.