އިންސްޓްޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް އިންޑިއާ (އައިސީއޭއައި) އާއި ޗާޓަޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އެއްބަސްވުމެއް އެކުލަވާލަން އިންޑިއާގެ ޔޫނިއަން ކެބިނެޓުން ހުއްދަ ދީފިއެވެ.

މި އެއްބަސްވުން އެކުލަވާލަން ޔޫނިއަން ކެބިނެޓުގެ މުގައްރިރު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުއްދަ ދީފައި ވަނީ އިއްޔެއެވެ.

އައިސީއޭއައި އާއި ސީއޭ މޯލްޑިވްސްއިން އެކުލަވާލާ އެއްބަސްވުމުގެ ބޭނުމަކީ، ދެފަރާތުން ގުޅިގެން އެކައުންޓިންގެ މައުލޫމާތު ބަދަލުކޮށް، ޕްރޮފެޝަނަލް އަދި އިންޓަލެކްޗުއަލް ޑިވެލޮޕްމަންޓް ކުރިއެވުމެވެ. އަދި ދެފަރާތުން ގުޅިގެން ދެ ގައުމުގެ އެކައުންޓިން ދާއިރާ ކުރިއެރުވުމަކީ މި އެެއްބަސްވުމުގެ މަގުސަދެކެވެ.

މީގެ އިތުރުން ވެސް، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އެކައުންޓިން ދާއިރާއަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެއެވެ. އެގޮތުން ރާއްޖޭގައި އިތުރު އެކައުންޓެންޓުން އުފެއްދުމަށް ފުރުސަތުތައް ފަހިކުރުމާއި ރައްޖެއާއި އިންޑިއާގެ މަސައްކަތުގެ ދާއިރާގެ ގުޅުން ހަރުދަނާވާނެއެވެ. އަދި މި އެއްބަސްވުމާއެކު ރާއްޖެއާއި ބޭރުގެ ގައުމުތަކާ ގުޅުންތައް އިތުރަށް ގާއިމްކުރުމަށް ފުރުސަތު ލިބޭނެއެވެ.

ހަމައެއާއެކު، ދާއިރާގެ ތަޖުރިބާކާރުންނާއެކު ޓްރެއިނިން ޕްރޮގްރާމްތައް ބާއްވާ، ޕްރޮފެޝަނަލް އެތިކްސް މަޝްވަރާކޮށް، ގިނަ ރިސާޗްތަކެއް ހެދި، އެކައުންޓިން ދާއިރާއަށް ޕްރޮފެޝަނަލް ކުރިއެރުމެއް ލިބޭނެއެވެ.

އައިސީއޭއައި އަކީ ޗާޓަޑް އެކައުންޓެންޓްސް އެކްޓްގެ ދަށުން 1949 ވަނަ އަހަރު އެފައްދާފައިވާ އިދާރާއެކެވެ. މި އިދާރާގެ ދަށުން އިންޑިއާގެ ޗާޓަޑް އެކައުންޓެންޓުން މޮނީޓާކުރުން ކުރިއަށް ގެންދެއެވެ. އަދި އެ ދާއިރާއިން އިންޑިއާގައި އުނގަންނައި ދިނުމާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެތައް މަސައްކަތްތަކެއް ކޮށްފައި ވެއެވެ.